ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ކޯޓާ ފީ މާފު ކުރުމުގެ ބާރު ކެބިނެޓަށް ދެނީ

ބައެއް ބާވަތްތަކުގެ ވިޔަފާރިތަކަށް ގެންނަ ބިދޭސީންގެ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުން ނުވަތަ އެ ފީ މައާފް ކުރުމުގެ ބާރު ވަޒީރުންގެ މަޖިލިހަށް ދޭ ގޮތަށް ގާނޫނު އިސްލާހުގެ ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ. 
ތަފްސީލު - މި ބިލުގައި ގެންނަ މައިގަނޑު އެއް ބަދަލަކީ، ބިދޭސީންގެ ކޯޓާ ފީ ބައެއް ފަރާތްތަކުން ދެއްކުން އިސްތިސްނާ ކުރާ ގޮތަށް ހެދުމެވެ.
ގާނޫނުގެ 4-65 ވަނަ މާއްދާގައިވާ ގޮތުން:
ވަޒީފާ ދޭ ކޮންމެ ފަރާތަކުން ވެސް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއަކު ގެނައުމުގެ ކުރިން ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން އަދި އެ ގަވައިދުގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދަން ޖެހޭ
އެ ކޯޓާ ހޯދުމަށް ހުށަހަޅާއިރު، ވަޒީފާ ދޭ ފަރާތުން ކޯޓާ ފީގެ ގޮތުގައި އަހަރަކަށް މަދުވެގެން 2،000ރ. ދައްކަން ޖެހޭ؛ މިއީ ކޮންމެ ތިން އަހަރަކުން މުރާޖައާކޮށް، ގަވައިދު އިސްލާހުކޮށްގެން ބޮޑު ކުރެވޭ ގޮތަށް އޮންނަ އަދަދެއް
ސަރުކާރުން ހުށަހެޅި އިސްލާހުގައި އޮތީ، ރިއާޔަތް ކުރެވޭ ވަކި ހާއްސަ ކަންކަމަށް ބަލައި، ވަކި ފިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކުން ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެގޮތަށް އިސްތިސްނާ ދެވޭނެ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި ރިއާޔަތް ކުރަން ޖެހޭ ހަތަރު ކަމެއް ބިލުގައި ހިމަނާފައިވެ އެވެ. އެއީ:
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމްކޮށް، ގައުމުގެ އިގްތިސާދުގައި އެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކުރުން
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަ ކުރުން
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އާ ގޮތްތަކާއި އާ ވިސްނުންތަކާއި އާ އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން
މި ބިލުގައި ހުރި ކަންކަމަށް އަމަލު ކުރަން ފެށުން އޮތީ ބިލު ފާސްކޮށް، ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ