ޗެމްޕިއަން މާޒިޔާ އިން މޮޅަކުން ޕްރެޒިޑެންޓްސް ކަޕް ފަށައިފި ޗެމްޕިއަން މާޒިޔާ އިން މޮޅަކުން ޕްރެޒިޑެންޓްސް ކަޕް ފަށައިފި

ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން 1-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް މޮޅަކުން މި ފަހަރުގެ މުބާރާތް ފަށައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާން ނިންމާފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައިވާ ހަތަރު ޓީމު ދެ ގްރޫޕަކަށް ބަހާލައި ތާވަލްގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ސީޑްކުރާނެ އެވެ. އަދި، ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށް ވަނަ އާ ދެމެދުގެ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް މެޗްތައް ކުޅެގެން މޮޅުވާ ޓީމުތައް ގްރޫޕްތަކަށް ކޮލިފައިވާނެ ކަމަށެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމު ކްރޮސް ކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ވަނީ އެކުލަވާލައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕްގައި ބުރުގެ އިތުރުން އޮތީ ޕްލޭއޮފްގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރި ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މާޒިޔާ އަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަޒަރުބައިޖާން ޑިފެންޑަރު، ނާޒިމް މަމަދުޒާދާ އެވެ. އޭރިއާތެރެއަށް ކޯނަރަކުން ހުރަސްވި ބޯޅައަކަށް އަރައި ނާޒިމް ވަނީ ކުޑަ އޭރިއާތެރެއިން ބޯޅަ ލިބުނު ވަގުތުގައި ގޯލަށް ފޮނުވާލައިފަ އެވެ.
ބުރުން އެޓޭކަށް ޖެހިގެން ފުރުސަތުތަކެއް ހޯދައި ގޯލެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް، މާޒިޔާގެ ގޯލު ބެލެހެއްޓި ކީޕަރު ހުސެއިން ޝަރީފް (ހުސެން) އާއި އެ ޓީމުގެ ޑިފެންޑަރުން ވަނީ ބުރުގެ އެޓޭކްތައް ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.
މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) ބޮލުން ގޯލަށް ބޯޅަ ފޮނުވާލި ނަމަަވެސް ނާއިޒު ހަސަން (ދާދު) އަށް އެ ބޯޅަ ހުރަސް ކުރެވުނީ، ރޮނގުން ބޭރުވި ފަހުންނެވެ. އެހެންވެ، އެ ލަނޑު ބަލައިނުގަތެވެ. އަދި، ބަދަލަކަށް ކުޅެން އެރި މާޒިޔާގެ މުހައްމަދު އިލާން އިމްރާނަށް ގޯލެއް ޖަަހަން ލިބުނު ފުރުސަތެއް އޭރިއާތެރެއަށް ވަދެ، ފޮނުވާލި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.
ޕްރެޒިޑެންޓްސް ކަޕް ގްރޫޕް ބީގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ