ވެލްނަސް ކުލަބުން އުމްރާއާއި ހައްޖަށްދާ މީހުންނަށް ކަސްރަތު ޕްރޮގްރާމެއް ފަށައިފި
ހީޓުން ހިންގާ, އޭޑީކޭ ހޮސްޕިޓަލުގެ ވެލްނަސް ކުލަބުން ހައްޖާއި އުމްރާއަށް ދާ މީހުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. އާންމު ދުޅަހެޔޮކަން ކުރިއެރެވުމުގެ ތަސައްވުރާއެކު ފެށި އެ ސެންޓަރަކީ، ޖިސްމާނީ އަދި ނަފްސާނީ ދިރިއުޅުމުގެ އާދަތައް ރަނގަޅުކުރުމަށް މުޖުތަމައުއަށް އަމާޒުކޮށްގެން މަސައްކަތް ކުރާ ސެންޓަރެކެވެ. މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ވެލްނަސް ކްލަބުން ވަނީ ކުޅިވަރު ކުޅުންތެރިންނާއި، އާއިލާތަކާއި މުޅި މުޖުތަމައަށް އަމާޒުކޮށްގެން ގިނަ ޚިދުމަތްތަކެއް ފުޅާކޮށްފައެވެ. އެ ގޮތުން، މި އަހަރު އެކުލަބުން ވަނީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އުމްރާ އާއި ހައްޖަށް ދާ މީހުންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގްރާމުގެ ތެރެއިން، ހައްޖާއި އުމްރާގެ ދަތުރުގައި ކުރަންޖެހޭ ޖިސްމާނީ ކަންކަމަށް ކެތްކުރުމަށާއި ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ. ހައްޖާއި އުމްރާއަށް ރޯދަމަހާއި ބަންދުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރެއެވެ. އެ މީހުންނަށް ޚާއްސަކޮށް، ކަސްރަތު ޕްރޮގްރާމެއް ހިންގުމަކީ އެ ދަތުރުގައި ދުޅަހެޔޮކޮށް އުޅުމަށް އެހީވެދޭނެ ކަމެކެވެ. މީގެ އިތުރުން، ރީހެބިލިޓޭޝަނާއި ކޮންޑިޝަނިން ޚިދުމަތްތައް އާންމު ރައްޔިތުންނަށް އެ ކުލަބުން ވަނީ ފޯރުކޮށްދީފައެވެ. އެ ޚިދުމަތުގެ ސަބަބުން ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރުމަށާއި، ޖިސްމާނީ ގޮތުން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދީ، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިވާ ކަމަށް އެ ކުލަބުން ބުނެފައިވެއެވެ. އެ ސެންޓަރުން އަންނަނީ، އަށް އަހާރާއި 14 އަހާރާ ދެމެދުގެ ކުދިންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގަމުންނެވެ. އެއާއެކު، ގައިން ގަޔަށް ނާރާ ބަލިތައް މުޖުތަމައުގައި އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެ ކުލަބުން ވަނީ، "އެންސީޑީ ޕްރިވެންޝަން އެންޑް އިންޓަވެންޝަން ޕްރޮގްރާމް" ތައާރަފުކޮށްފައެވެ. އެއީ، ހަކުރު ބައްޔާއި ލޭގައި ކޮލެސްޓްރޯލް މަތިވުން ފަދަ ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން، ކަސްރަތުތަކާއި ދިރިއުޅުމުގެ އާދަކާދަތައް ބަދަލުކުރުމުގެ އިރުޝާދު ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ