ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހަތަރު މަގާމުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވެ އެވެ. އެއީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމަކަށް ވާތީ ޕެންޝަން އޮފީހުގެ ބޯޑުން ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރެއިން އެއް މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މާދިން ލަތީފް މި މަހުގެ 4ގައި އިސްތިއުފާ ދެއްވުމުންނެވެ.
ތަފްސީލު - އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 24ގެ މެންދުރު 1 އެވެ. ލިޔެކިޔުންތައް ހުށަހަޅާނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
އެ މަގާމުގެ ފެންވަރު ނުވަތަ ޝަރުތުތައް:
ވިޔަފާރި، އިގްތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން
ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް، ތަޖުރިބާ ހާސިލުކޮށްފައިވުން
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން
ސަރުކާރުން %50 އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން
އެ ޝަރުތުތަކުގެ އިތުރުން، ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ)ގައި ކަނޑައަޅާފައިވާ ހުރިހާ ކަންކަމަށް ވެސް ރިއާޔަތް ކުރެވޭނެ އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާއިރު ހުށަހަޅަން ޖެހޭނީ:
ބޯޑު މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވާ ލެޓާ)
ފުރިހަމަ ކޮށްފައިވާ 'ފިޓް އެންޑް ޕްރޮޕާ ޑެކްލަރޭޝަން ފޯމް' (މި ފޯމު ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އިއުލާނާއިއެކު ހިމަނާފައިވާނެ)
ތައުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓްތަކުގެ ކޮޕީ
ވަނަވަރު (ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް، މިހާރުގެ އެޑްރެސް، އަދި މާލީ ނުވަތަ ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އާއި ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ނުވަތަ ފައިޑިއުޝަރީއެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ ނަމަ، ލިބިފައިވާ ތަޖުރިބާ އެނގޭ ގޮތަށް)
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިން ޑޮކިއުމަންޓްސް
އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބޯޑު މެމްބަރަކު ހޮވުމުގެ ކަންކަން ކުރިއަށްގެންދާނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓު ކުރުމަށް ފަހު ސެލެކްޝަން ކޮމިޓީއަކުންނެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓަް އޮތޯރިޓީން އެ މީހުންގެ ޝަރުތު ހަމަވާކަން ޔަގީން ކުރުމަށް ފަހު ބޯޑު މެމްބަރުން އައްޔަންކުރާނީ ރައީސް އެވެ.
ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ