އިރާނުގެ އަންހެން ކުދިން ގައުމަށްޓަކައި ގުރުބާންވުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފި

އެމެރިކާއާއި އިޒްރޭލުން އީރާނާ ކުރަމުންދާ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އިރާނުގެ އަސްކަރިއްޔާއާއި އާންމު ރައްޔިތުން، ހާއްސަކޮށް ޒުވާން އަންހެން ކުދިން، ގައުމުގެ ދިފާއުގައި ނުކުތުމަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ.
ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އަލުން އިތުރު ކުރިކަން އެމެރިކާގެ ރައީސް ޓްރަމްޕް އިއުލާން ކުރެއްވުމާ ހަމައަށް އިރާނުގެ މަގުތަކަށް އެއްވެ އާންމުން ވަނީ ގައުމީ ރޫހު އާލާކޮށް، ގައުމަށްޓަކައި ގުރުބާންވުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
މި އެއްވުންތައް އީރާނުގެ އެކިއެކި ސަރަހައްދުތަކުގައި ބޭއްވި އިރު، އެއްވުންތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޒުވާން އަންހެން ކުދިންގެ ބައިވެރިވުމެވެ. މި އެއްވުންތަކުގައި ބައިވެރިވި އަންހެން ކުދިން ވަނީ ގައުމީ ދިދަތައް ހިފައިގެން، ގައުމުގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފަވެ. އަދި އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނާއީއަށް އޮތް ތާއީދު އާކޮށް، ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ދަނޑިވަޅުގައި ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
މި ފަދަ ބައެއް އެއްވުންތައް މިހާރުވެސް ކުރިއަށް ދާކަމަށް އީރާނުގެ ހަބަރުފަތުރާ ބައެއް އެޖެންސީ ތަކުން ބުނެއެވެ.
މި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުން ބުނަމުންދަނީ، ގައުމަށްޓަކައި ގުރުބާންވުމުގެ މައިދާން ދޫކޮށް ނުދާނެ ކަމަށެވެ.
އާންމު ރައްޔިތުންގެ އިތުރުން، އިރާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ވަރުގަދަ ރައްދެއް ދިނުމަށް ފުރިހަމައަށް ތައްޔާރުކަން ހާމަކޮށްފައެވެ. އިރާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އިޒްރޭލުން ދީފާނެ ހަމަލާއަކަށް ރައްދުދިނުމުގެ ގޮތުން އިރާނުން ވަނީ އާ ސަޕްރައިޒްތަކެއް ތައްޔާރު ކޮށްފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު ހަމަވިއުރު، އެމެރިކާއިން ހުށަހަޅަމުންދާ ޝަރުތުތަކާއި، އިރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހުރަސްތަކުގެ ސަބަބުން، އިތުރު މަޝްވަރާތަކަކަށް އީރާނަކުން ނުދިޔައެވެ.
ފާއިތުވި ދެ ހަފްތާގެ ތެރޭގައި އިރާނުން ވަނީ އަލުން ހަމަލާތައް ފެށުމުގެ ފުރުސަތު ބޮޑުކަމަށް ބަލައި، އަސްކަރީ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ސިފައިންނާއި ހަތިޔާރު، އެކި ސަރަހައްދުތަކަށް ބަދަލުކުރުމާއި، ހަމަލާދޭނެ އާ އަމާޒުތަކެއް ކަނޑައެޅުން ހިމެނެއެވެ. އިރާނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ހަނގުރާމައެއް ފެށޭ ފުރަތަމަ ވަގުތުން ފެށިގެން އެމެރިކާއާއި އިޒްރޭލަށް ބޮޑު ގެއްލުންތަކެއް ދިނުމަށް އިރާނުން އޮތީ ތައްޔާރަށެވެ.
ހާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރު މޭޖާ ޖެނެރަލް އަބްދުﷲ ހީ ވަނީ، ދުޝްމަނުންގެ ކޮންމެ އަމަލަކަށް ވަގުތުން އަދި ވަރުގަދަ ރައްދެއް ދިނުމަށް އިރާނުގެ ހަތިޔާރުއެޅި ބާރުތައް ތައްޔާރަށް ތިބިކަން ހާމަކުރައްވާފައެވެ. އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ، އިރާނުގެ އަސްކަރިއްޔާއާއި ސަރުކާރާއި ރައްޔިތުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
މޭޖާ ޖެނެރަލް އަބްދުﷲ ހީ ފާހަގަކުރެއްވި ގޮތުގައި، އައިއާރްޖީސީއަކީ އިރާނުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ދިފާއުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. އަދި އެމެރިކާއާއި އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް އައިއާރްޖީސީން ހޯދާފައިވާ ކާމިޔާބީތަކަކީ އިރާނުގެ ރައްޔިތުން ފަހުރުވެރިވާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހުރުމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން އެމެރިކާއިން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ކޮންމެ އުދުވާނަކަށް އެކަށީގެންވާ ރައްދެއް ދެއްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ