އެމްއެމްއޭ ރިސާޗު ކޮންފަރެންސަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ މަހާސިންތާ، "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026" އަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.މަރުކަޒީ ބޭންކުން ބާއްވާ މި އަހަރުގެ ރިސާޗް ކޮންފަރެންސް އޮންނާނީ އިގްތިސާދީ އަދި ދުނިޔޭގެ ބަދަލުތަކާއެކު ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯއިކޮނޮމިކް އަދި މާލީ ހަމަޖެހުން މި ތީމްގެ ދަށުންނެވެ. މިއަހަރުގެ ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދިވެހި އިގްތިސާދަށް ކުރިމަތިވަމުންދާ އޮނިގަނޑު ބަދަލުތަކާއި ދުނިޔޭގެ ނުތަނަވަސްކަމުގެ ތެރެއިން، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯ އިކޮނޮމިކް އަދި މާލީ ދާއިރާގެ ހަމަޖެހުން މުހިންމުވާ މިންވަރުގެ މައްޗަށެވެ.ދިރާސާ ކަރުދާސްތައް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ އަދި އަގުތަކުގެ ހަމަޖެހުން، މާލީ ދާއިރާގެ ހަމަޖެހުމާއި ގަވާއިދުތައް، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންކްލޫޝަން، ޑިޖިޓަލް ފައިނޭންސް އަދި ޕޭމަންޓް ނިޒާމުތައް، މޫސުމީ ނުރައްކާތައް، ފިސްކަލް ސަސްޓެއިނަބިލިޓީ، އޮނިގަނޑަށް އަންނަ ބަދަލުތައް، ބޯހިޔާވަހިކަމާއި ސަރަހައްދީ އިގްތިސާދު، އަދި ސިއްހީ ދާއިރާގެ އިގްތިސާދު ހިމެނެ އެވެ.މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނާއި އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި މަރުކަޒީ ބޭންކުތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކާއި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.ހުށަހަޅާ ކަރުދާސްތައް ހުންނަންވާނީ އިނގިރޭސި ބަހުން، މައިކްރޯސޮފްޓް ވޯޑް ފޯމެޓަށް އަދި ދިގުމިނުގައި 150 އާއި 250 ބަހާ ދެމެދު ހުންނަންވާނެ އެވެ.މޭ މަހުގެ 20 ވަނަ ދުވަހުގެ ކުރިން މި ދިރާސާތައް ހުށަހެޅަން ފުރުސަތުތައް ދީފައިވާއިރު، މި ކޮންފަރެންސްގައި ބޭނުން ކުރާނެ ދިރާސާތަކުގެ މައުލޫމާތު ޖޫން މަހުގެ ތިން ވަނަ ދުވަހު އަންގާނެއެވެ. އޭގެ ފަހުން ފުރިހަމަ ދިރާސާ ކަރުދާސް ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެފައި ވެއެވެ.މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތާއި، ކަރުދާސް ހުށަހެޅުމުގެ އިރުޝާދުތައް researchconference.mma.gov.mv އިން ލިބެން ހުންނާނެއެވެ. އެބްސްޓްރެކްޓް ހުށަހަޅާނީ އެމްއެމްއޭގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ