ނަތަންޔާހޫ ހައްޔަރުކުރަން ޖެހޭނެ ކަމަށް ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ވިދާޅުވެއްޖެ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ހައްޔަރު ކުރުމަށް އަމުރު ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހެންގޭރީގެ ސަރަހައްދަށް ވަދެއްޖެނަމަ ހައްޔަރު ކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ މަގްޔާރު ވިދާޅުވެއްޖެއެވެ. ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން އައިސީސީން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. މީގެ ކުރިން ހަންގޭރީން ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނަތަންޔާހޫ ބުޑަޕެސްޓަށް ވަޑައިގެންނެވިއިރު އޭނާ ހައްޔަރުކުރަން ދެކޮޅު ހަދާފައެވެ. އެ ދަތުރުފުޅަކީ އައިސީސީން ހައްޔަރު ކުރުމަށް އަމުރު ނެރުނު ފަހުން ނަތަންޔާހޫ ޔޫރަޕްގެ ގައުމަކަށް ކުރެއްވި ފުރަަތަަމަ ދަތުރުފުޅެވެ. ހަންގޭރީން އޭރު އައިސީސީން ވަކިވާން ވެސް ހުށަހެޅިއެވެ. ނަމަވެސް މަގްޔާގެ ގާނޫނީ ލަފާދޭ ފަރާތްތަކާ ހަވާލާދީ ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަންގޭރީ އައިސީސީން ވަކިވުން އަދި ފައިނަލްކޮށްފައެއްނުވެއެވެ. އަންނަ މެއި މަހު ކުރީކޮޅު ބޮޑުޒަވީރު ކަމަށް ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މައްސަލަ މަގްޔާ ހުއްޓުވާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ. "ގައުމެއް އައިސީސީގެ މެމްބަރަކަށް ވެ، އައިސީސީން ހޯދަން ބޭނުންވާ މީހަކު އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެއްޖެނަމަ، ދެން އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހޭނެ." ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ނަތަންޔާހޫ ހައްޔަރު ކުރަން ނިންމިކަން ކަށަވަރުކޮށްދެމުން މަގްޔާ ނޫސްވެރިންނަށް ވިދާޅުވިއެވެ. މަގްޔާ ހަންގޭރީގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ހަންގޭރީގެ ވެރިކަން 16 އަހަރު ވަންދެން ކުރެއްވި ވިކްޓާ އޮރްބަން ބަލިކުރެއްވުމަށްފަހުއެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާ ސަރުކާރުގެ ދަށުން އިސްރާއީލާ ގުޅުން ބަދަހިކުރުން އަދި ވަރަށް ހަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ