ކުޅުދުއްފުށި ސިޓީ
ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ޖީ-ނެޓްސް ލީޑާރސް ސަމިޓް' އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ ބޭއްވެވި ހާއްސަ ފަރިއްކޮޅެއްގައި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ރޭ ބޭއްވުނު މި ހާއްސަ ބައްދަލުވުމުގައި މޭޔަރު އާތިފްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމެވެ. މި ބައްދަލުވުމަކީ ކުރިއަށް އޮތް ސަމިޓާ ގުޅޭގޮތުންނާއި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓަކީ ދުނިޔޭގެ 47 ސިޓީއެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ބޮޑު ބައްދަލުވުމެކެވެ. މި ސަމިޓުގައި ކުޅުދުއްފުށި ސިޓީ ތަމްސީލުކުރައްވާ ޕެނަލިސްޓެއްގެ ގޮތުގައި މޭޔަރު މުހައްމަދު އާތިފް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، ކުޅުދުއްފުށީގެ ތަރައްގީގެ ތާރީހުގައި ޖަޕާނަކީ އަބަދުވެސް ހާއްސަ ގަދަރެއް ދެވިފައިވާ ބައިވެރިއެކެވެ. ޖަޕާނާއި ކުޅުދުއްފުށި ސިޓީއާ ދެމެދު އޮތް އެކުވެރިކަމާއި، އެއްބާރުލުމާއި، ބަދަހި ގުޅުމަކީ ސިޓީ ކައުންސިލުން ނުހަނު އަގުވަޒަންކުރާ ކަންކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.
މި ބައްދަލުވުމުގައި ޖަޕާނު ސަފީރާއި އެކަމަނާގެ ޓީމުން އަދާކުރެއްވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ޖަޕާން އެމްބަސީއަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ޓޯކިޔޯގައި ބާއްވާ 'ޖީ-ނެޓްސް' ސަމިޓާ ގުޅޭގޮތުން ޖަޕާނު ސަފީރާއި މޭޔަރު އާތިފް މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ