ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ތެރެއިން ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ހަލާކުކޮށްލާފައިވާ ބެލިސްޓިކް މިސައިލް އުފައްދާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތައް އަލުން އިޢާދަކުރުމަށް ތެހެރާނުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އަނެއްކާވެސް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އިޢުލާނުކޮށްފިއެވެ.
މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނަށް ހަތިޔާރާއި އަސްކަރީ ސާމާނު ހޯދައިދިނުމުގައި ބައިވެރިވާ 14 ފަރާތަކަށެވެ. މީގެ ތެރޭގައި އީރާނުގެ އިތުރުން ތުރުކީވިލާތާއި އެކުވެރި ޢަރަބި ޢިމާރާތުގައި (ޔޫއޭއީ) ހަރަކާތްތެރިވާ ކުންފުނިތަކާއި ފަރުދުންގެ އިތުރުން، ހަތިޔާރު އުފުލުމަށް ބޭނުންކުރާ މަތިންދާބޯޓުތައް ވެސް ހިމެނެއެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނީ، އިތުރު ބެލިސްޓިކް މިސައިލް އުފެއްދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. "އެމެރިކާއާއި [އެމެރިކާގެ] އެކުވެރި ދައުލަތްތަކުގެ ހަކަތައިގެ ވަޞީލަތްތަކަށް ޙަމަލާދިނުމަށް، އީރާނުން ދަނީ 'ޝާހިދު' މަރުކާގެ ޑްރޯނަށް ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުކުރަމުން،" ޓްރެޜަރީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވޮޝިންގްޓަނުން އައު ފިޔަވަޅުތަކެއް އިޢުލާނުކޮށްފައި މި ވަނީ ސިޔާސީ ގޮތުން ނާޒުކު ދަނޑިވަޅެއްގައި ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔަހޫދީން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާއްވާ ދެވަނަ ބުރުގެ މަޝްވަރާތަކާ މެދު ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.
އީރާނުގެ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަމާ ދެކޮޅަށް އެމެރިކާގެ އިތުރު ފިޔަވަޅުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ