އެމްޑީޕީ ޗެއާޕާސަން އިންތިހާބު އަންނަ ޖޫން 12ގައި، ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް ވަންނަ މެންބަރުންނަށް
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ހުށަހަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެއެވެ. މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ. މި ބޭފުޅުން މިހާރު އަންނަނީ އިންތިހާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ. އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، ޖޫން 12 ވާ ބުދަ ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ