ރޯދަ މަހު ކަރަންޓު ބިލުތަކަށް ދިން ލުޔަށް ފަހު، މިހާރު ފޮނުވަން ފަށާފައިވާ ބިލުތަކަށް އަރާފައިވާ އަދަދު ބޮޑުކަމުން އާންމުން ރުޅިގަދަވެ، ޝަކުވާ ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރޯދަ މަހު ގޭބީސީތަކަށް ފޮނުވީ އެންމެ ބޮޑުވެގެން 400ރ.ގެ ކަރަންޓު ބިލެކެވެ. ރޯދަ މަހަށް ފޮނުވީ ވެސް ވަކިން ރީޑިން ނަގައިގެން ތައްޔާރުކުރި ހާއްސަ ބިލެކެވެ.
ތަފްސީލް - ރޯދަ މަހަށް ފަހު ފުރަތަމަ ކަރަންޓު ބިލު މިހާރު ފޮނުވަން ވަނީ ފަށައިފަ އެވެ. ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގެ ބިލުތައް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރަން ފަށައިފަ އެވެ. އަހަރު ތެރޭ ފުރަތަމަ ލިބުނު ތިން ބިލަށް ވުރެ މިފަހަރު ލިބުނު ބިލު މާ ބޮޑު ކަމަށް ބުނެ ޝަކުވާތައް ދަނީ ބަންޑުންކުރަމުންނެވެ.
ފޭސްބުކްގައި އަހުމަދު މުޖުތަބާ ވަނީ މި އަހަރުގެ ފާއިތުވި ތިން މަހުގެ ބިލަށް އެރި އަދަދުތައް ފެންނަ ގޮތަށް ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އެ ފޮޓޯ އިން ފެންނަ ގޮތުން، ޖެނުއަރީ މަހު ބިލަށް 2،661ރ. އަރާފައި އޮވެ އެވެ. ޖެހިގެން އައި މަހު ބިލަށް 1،855ރ. އަދި ރޯދަ މަހުގެ ބިލަށް 400ރ. ޗާޖުކޮށްފައި އޮވެ އެވެ. މިފަހަރު ފޮނުވި ބިލަށް 3،659ރ. އޮތީ ޗާޖުކޮށްފަ އެވެ.
"ރޯދަ މަހު ދިން ޑިސްކައުންޓާ މެދު ހިތްހަމަޖެހިފައި ތިބިވަރު ބަލައިލަން" ފާއިތުވި 4 މަހުގެ ކަރަންޓު ބިލު ޕޯސްޓުކޮށް، އަޅާކިޔާލަން އޭނާ އެދުނެވެ.
"ކަރަންޓު ބިލުން އުފާވެރިކަން ތިން ގުނަ އިތުރުވެގެން މި ދިޔައީ،" މަޖާޒީ ގޮތަކަށް ހިތްހަމަނުޖެހުން ފާޅުކުރި އެހެން މީހަކު ލިޔެފައިވެ އެވެ.
ރޯދަ މަހަށް ވިޔަސް އީދަށް ވިޔަކަސް ކަރަންޓު ބިލުން ޑިސްކައުންޓު ބޭނުން ނޫން ކަމަށް ބުނެ ރީމް ހުސައިން ވެސް ވަނީ މީގެ ކުރިން މި އަހަރު ތެރޭ އެންމެ ބޮޑުކޮށް ވެސް 1،300ރ. އެރި ކަރަންޓު ބިލަށް މިފަހަރު 3،000ރ އިން މަތިން އަރާފައި އޮތުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"މިއީތޯ ތިޔަދެއްވި ޑިސްކައުންޓުގެ ބަދަލު؟،" ރައީސް މުހައްމަދު މުއިއްޒު ޓެގުކޮށް އޭނާ ލިޔެފައިވެ އެވެ. އިއްޔެގެ ތާރީހުގައި ތައްޔާރުކޮށްފައި އޮތް އެ ބިލުގެ ޑިޔު ޑޭޓަކަށް ވެސް އޮތީ ހަމަ އިއްޔެގެ ތާރީހެވެ.
ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށުގެ ބިލުތައް ފޮނުވަން ފަށާފައިވާއިރު، މާލެ އާއި އެހެން ބައެއް އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯ އިން އަދި ބިލު ފޮނުވާކަށް ނުފަށަ އެވެ.
ފާހަގަކޮށްލެވޭ - މީގެ ކުރިން ވެސް ކަރަންޓު ބިލު ބޮޑުވާކަމުގެ ޝަކުވާތަކަށް ކުންފުނިތަކުން ދޭ ޖަވާބަކީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާތީ ވާ ގޮތެއް ކަމަށެވެ.
މި ދުވަސްވަރަކީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. ފާއިތުވި ދެތިން ހަފްތާ ތެރޭ ބައެއް ދުވަސްދުވަހު އިހުސާސްކުރެވޭ ހޫނުމިން 38 ޑިގްރީއަށް މައްޗަށް ދިޔަ އެވެ.
ރޯދަ ޑިސްކައުންޓަށް ފަހު ފޮނުވި ކަރަންޓު ބިލު ބޮޑުވެ، އާންމުންގެ ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ