ކްރިޕްޓޯކަރަންސީގެ ވިޔަފާރި މުއާމަލާތްތަކުން މިދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީއެއް ލިބިވަޑައިގެންފި އެވެ.
ޖުމްލަ 927 ސަފުހާގެ މައްޗަށް އެކުލެވޭ އެމަނިކުފާނުގެ މާލީ ބަޔާނުގައިވާ ގޮތުން، ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން ނެރުނު "ޓްރަމްޕް މީމް ކޮއިން" އިން ރޯޔަލްޓީގެ ގޮތުގައި 635 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް އެ ކޮއިން ބާޒާރަށް ނެރުނު ފަހުން އޭގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ދަރިކަލުންނާއި އެމަނިކުފާނުގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްގެ ދަރިން އުފައްދާފައިވާ ކްރިޕްޓޯކަރަންސީ ކުންފުންޏެއް ކަމަށްވާ "ވޯލްޑް ލިބަޓީ ފައިނޭންޝަލް" އިން 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި އާއި ޓްރަމްޕްގެ ނަން ބޭނުންކޮށްގެން އުފައްދާފައިވާ ތަފާތު ސާމާނުތަކުން ވެސް އެމަނިކުފާނަށް އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ލިބިވަޑައިގެންފައިވެ އެވެ. ނަމަވެސް، ޓްރަމްޕް ރައީސްކަމުގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ހޯއްދަވާ ކަމަށް ކުރެވޭ ތުހުމަތުތައް ވައިޓް ހައުސް އިން ވަނީ ދޮގުކޮށްފަ އެވެ.
އެންމެ ފަހުން ހާމަކުރި މާލީ ބަޔާނުގައިވާ އާމްދަނީއަކީ 2024 ވަނަ އަހަރު ޓްރަމްޕް ހާމަކުރެއްވި 600 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ޓްރަމްޕްގެ ވިޔަފާރިތައް ބަލަހައްޓަނީ އެމަނިކުފާނުގެ ދަރިކަލުން އިސްވެ ތިއްބަވާ ޓްރަސްޓަކުން ކަމަށް ވައިޓް ހައުސް އިން ތަކުރާރުކޮށް ބުނަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއް ނެތް ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އޭނާ ކެލީ ވިދާޅުވީ، ރައީސް ޓްރަމްޕް ވަނީ އެމެރިކާއަކީ ދުނިޔޭގެ "ކްރިޕްޓޯގެ މަރުކަޒު" ކަމުގައި ފަހުރުވެރިކަމާއެކު ހައްދަވައިދެއްވާފައި ކަމަށެވެ.
އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނުވަތަ އެމަނިކުފާނުގެ އާއިލާއިން ވެސް މަސްލަހަތު ފުށުއަރާ އެއްވެސް ކަމެއްގައި ދުވަހަކުވެސް ބައިވެރިވެފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.
ކުރިން ކްރިޕްޓޯކަރަންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ޓްރަމްޕް، 2021 ވަނަ އަހަރު ވިދާޅުވީ ބިޓްކޮއިންއަކީ "އޮޅުވާލުމެއް" ކަމަށާއި އެއީ "ކުރިމަތިވާން އޮތް ކާރިސާއެއް" ކަމަށެވެ.
ނަމަވެސް، އޭގެ ތިން އަހަރު ފަހުން ރިޔާސީ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާއަކީ ދުނިޔޭގެ "ކްރިޕްޓޯގެ މަރުކަޒު" ކަމުގައި ހައްދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަމަށް އެނބުރި ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، ކްރިޕްޓޯ ސިނާއަތް ޒިންމާދާރުކަމާއެކު ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވުމެވެ.
ކްރިޕްޓޯ ވިޔަފާރިން ޓްރަމްޕަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ