ބޮޑުތަކުރުފާނު މަގު: އަންނަ ހަފުތާގައި ތާރުއަޅަނީ

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ ފަށައިފިއެވެ. އެމްޓީސީސީން ވިދާޅުވީ، ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ، މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް މައްސަލައަށް ބޮޑު ހައްލެއް ގެނުވާނެ މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާއެކު މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް އެމްޓީސީސީން މިހާރު އަންދާޒާކޮށްފައިވަނީ ޖުލައި މަހުގެ 26 އަށެވެ.
މިދިޔަ ހަފުތާއިން ފެށިގެން މަގުގެ އެކި ސެގްމަންޓުތައް އެއްވަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. މަޝްރޫޢުގެ އަދާހަމަ ހިއްސާކުރަމުން އެކުންފުނިން ވިދާޅުވީ، ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެކުންފުނިން ވިދާޅުވީ ތާރުއެޅުމަށް ބޭނުންވާ މެޝިނަރީ މިހާރު އެސަރަޙައްދަށް ގެންގޮސްފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހު ސެގްމެންޓު 4 އަދި 5 ގައި މަގު އެއްވަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އެމްޓީސީސީން ވިދާޅުވީ މަގުގައި އަދި ޕާކިންގ އޭރިއާގައި ދުވާރު ހެދުމާއި އެއްގަމު ތޮށީގެވެސް އެންމެ ފަހުގެ މަސައްކަތް މިހާރުކުރަމުންދާކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަގުގެ މަސައްކަތަކީ އެމަނިކުފާނު ވަޒީރަކަށް ހުންނެވި ދުވަސްވަރު ފެއްޓެވި ރިންގް ރޯޑުގެ މަސައްކަތުގެ ބައެއްކަމަށެވެ. މާލޭގެ ވަށައިގެން ރިންގެއްގޮތަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމިގެންދާއިރު ބޭރުމަގަކީ ދެކޮޅަށް ދުއްވޭ ފުޅާމަގަކަށްވާނެއެވެ. އެއާއެކު މާލޭގެ އެތެރެއަށް އޮންނަ ޓްރެފިކްގެ ބާރު ވަރަށް ބޮޑަށް ކުޑަވެ، ބޭރުމަގު ބޭނުންކުރާ މީހުންނާއި އުޅަނދުތަކުގެ ޢަދަދު އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާއި ހަމައަށްވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށްވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގު ގެ މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ނޯތު ހާބަރު ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްޤީނުކުރެވި އޮތް ދަރިމަވަންތަ ހޮސްޕިޓަލް ސަރަޙައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ