ޕީއެންސީގެ ރެޖިސްޓްރާގެ މަގާމު ފުރުއްވި ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަނުކޮށްފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ރެޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.
ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އަދާ ކުރެއްވުމުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް މިހާތަނަށް ހުންނެވީ ޝަކީލެވެ. މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ވެސް ޝަކީލު ހުންނެވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓުދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރީ ޖޫން 24، ގަ އެވެ. އީސީގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މެއި 1، ގައި އިސްތިއުފާ ދެއްވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވިއިރު ސަރުކާރުގެ ފަރާތުން އޭނާއަށް ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވަމުންދިޔަ އެވެ. އެންމެ ބޮޑު ޕްރެޝަރެއް ސަރުކާރުގެ ފަރާތުން ކުރިމަތިވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމަށެވެ. އަދި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ބަލިވުމުން ވެސް ޕްރެޝަރުތަކެއް ކުރިމަތިވި އެވެ.
 އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ކުރިން ބުނެފައި އޮތް ގޮތުން އެ ކޮމިޝަނުގެ ރައީސްއަކު ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން ގާނޫނަށް ބަދަލު ގެނައުމަށްފަހު ކަނޑައެޅީ އެ މަގާމަށް މީހަކު ނޮމިނޭޓު ކުރާނީ ވެސް އައްޔަން ކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ޕީއެންސީގެ ރެޖިސްޓްރާގެ މަގާމު ފުރުއްވި ބޭފުޅަކު އީސީގެ ރައީސްގެ މަގާމަށް އައްޔަނުކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ