ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފި

ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އޮޔާ ދިޔަ ފަތުރުވެރިޔަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހެވެ. މާލެއިން ފުރައިގެން ދ. ވާނީއަށް ރަސްމީ ދަތުރެއްގައި ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކަނޑުމަތިން މީހަކު އޮޔާ ދަނިކޮށް ފެނުނީ މެންދުރުފަހު 14:26 އެހައިކަންހާއިރެވެ. އެއީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ ފަތުރުވެރިއެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް ވަނީ އޮޔާ ގެންގޮސްފައެވެ. ފުލުހުންގެ ލޯންޗަށް މި ފަތުރުވެރިޔާ ފެނުމާއެކު، ވަގުތުން އޭނާ ކަނޑުމަތިން ނަގައި ސަލާމަތްތެރިކަމުގެ ފުރަތަމަ އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި ފުލުހުންގެ ޓީމުން ވަނީ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ރިސޯޓަށް ގެންދިޔައިރުވެސް ފަތުރުވެރިޔާގެ ސިއްހީ ހާލަތު އާންމުގޮތެއްގައި ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ