މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ކުންފުނީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ތިލަފުށީގައި ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީގެ ތިލަފުށީ ސައިޓުގައި މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށެވެ. މިއީ ކުންފުނީގެ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭއްވި މުހިންމު ތަމްރީނެކެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސަސައިޒަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ތައްޔާރީ ހާލަތު ދެނެގަތުމަށް ބޭއްވި ހަރަކާތެކެވެ. މި ފަރިތަކުރުންތަކުގެ ސަބަބުން ކުއްލި ހާލަތެއް ދިމާވާ ވަގުތު ކުންފުނީގެ ވަސީލަތްތަކާއި މުވައްޒަފުންގެ ތައްޔާރީ ފެންވަރު ވަޒަންކުރެވިގެންދާނެއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެންނެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި ހަރަކާތުގައި ބައިވެރިވެ، ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މިއަދުގެ ހަރަކާތް ނިމިފައިވަނީ ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޓީސީސީން ތިލަފުށީގައި އިމަރޖެންސީ އެކްސަސައިޒެއް ކުރިއަށްގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ