ޕީއެންސީގެ ކުރީގެ ރަޖިސްޓްރާ ޝަކީލު އީސީގެ ރައީސަކަށް

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުރީގެ ރެޖިސްޓްރާ މުހައްމަދު ޝަކީލު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.
އީސީގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން އެ ކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ސަރުކާރުން ފެބްރުއަރީ 2025، ގައި އެ ގާނޫނަށް އިސްލާހު ގެނެސް، އެ ކޮމިޝަނުގެ އެންމެ އިސްވެރިޔާ އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން މަޖިލީހުން އިއްޔެ ވަނީ އޭނާ އީސީގެ ރައީސްގެ މަގާމަށް އައްޔަންކުރަން ރުހުންދީފަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޝަކީލް އައްޔަންކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
ޝަކީލް މީގެ ކުރިންވެސް ވަނީ އީސީގެ މެންބަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މީގެ ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަކީލު ވަނީ މި ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ