ފައިނޭންޝަލް އެކްސްޕޯގެ އުރީދޫ ސްޓޯލަށް ވަޑައިގެން އެމްފައިސާ އެކައުންޓް ޕޭޕާލް ލިންކް ކުރުމުގެ ފުރުސަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެ އެކްސްޕޯގައި އެމްފައިސާގެ ޚިދުމަތްތައް ދައްކާލުމަށް އުރީދޫއިން ތައްޔާރުވެއްޖެއެވެ.
މި އެކްސްޕޯ ކުރިއަށްދާނީ 2026 ޖުލައި 2 އިން 4 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ފަރާތުން އެ ކުންފުނީގެ ފުޅާވަމުންދާ ޑިޖިޓަލް މާލީ ނިޒާމު ދައްކާލުމަށް ހަމަޖެހިފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދާދިފަހުން ތަޢާރަފުކުރި އެމް-ފައިސާއާ ޕޭޕަލް ގުޅާލުމުގެ ޚިދުމަތެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ޖަމާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
އުރީދޫއިން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ބައިވެރިވުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. އެކްސްޕޯގެ ތެރެއިން އުރީދޫގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގެ ތެރެއިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަޙްމަދު ނޫމާން، ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ މުސްތަޤްބަލާ ބެހޭގޮތުން ބާއްވާ ޚާއްޞަ ޕެނަލް މަޝްވަރާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މަޝްވަރާގައި ޑިޖިޓަލް މާލީ ޚިދުމަތްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުތަކަށް މަގުފަހިވަމުންދާ ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާ ޙިއްޞާކުރައްވާނެއެވެ.
ފައިނޭންޝަލް އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުވެސް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އުރީދޫގެ ސްޓޯލް ހުޅުވިފައި ހުންނާނެއެވެ. އުރީދޫއިން ވަނީ ވީހާވެސް ގިނަ ބަޔަކު އެކްސްޕޯއަށް ޒިޔާރަތްކޮށް، އެމް-ފައިސާގެ އެހީގައި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް ލިބޭ ކުރިއެރުންތައް ދެނެގަތުމަށް ދައުވަތު އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ