މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު ރާއްޖެއަށް އައީ 123,552 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2024 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 0.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އެއް މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1,067,543 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް، މާޗް މަހުން ފެށިގެން މި އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކަށް މިހާތަނަށް ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ ރަޝިއާ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 72 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 23 އިންސައްތަ ފަތުރުވެރިން ތިބީ ގެސްޓްހައުސްތަކުގައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެ މަހު 254,556 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ޖޫން މަހު ރާއްޖެއަށް 1.2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ