ރިސޯޓް ލީގު: ބ. ޒޯންގެ ސެމީ އަށް އަވާނީ، ވައްކަރު، އަނަންތަރާ އަދި ފިނޮޅު

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތްް ކަމަށްވާ ރިސޯޓް ލީގުގެ އެންމެ ފޯރިގަދަ އެއް ޒޯން، ބ. ޒޯންގެ ސެމީ ފައިނަލުން އަވާނީ+ފަރެސް މޯލްޑިވްސް، ވައްކަރު މޯލްޑިވްސް، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަދި ފިނޮޅު މޯލްޑިވްސް އިން ދަތުރުކޮށްފި އެވެ. 
ޖުމްލަ އެކު، އަށް ރިސޯޓް ވާދަކުރާ މި ޒޯންގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަދު ވަނީ ނިމިފަ އެވެ. 
އެ ގޮތުން، ގްރޫޕް އޭ އިން އެއް ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައި، ބަލިނުވެ ސެމީ ފައިނަލަށް ދަތުުރުކުރި އަވާނީ އެވެ. އަދި މި ގްރޫޕުން ދެ ވަނަ އަށް ދިޔަ ވައްކަރު އަށް ލިބުނީ ތިން މެޗުން ފަސް ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ މިލައިދޫ މޯލްޑިވްސް އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ފުލުން ނިންމި އަމިއްލަ މޯލްޑިވްސް އަށް ޕޮއިންޓެއް ނުލިބެ އެވެ. 
މި ގްރޫޕްގެ އެންމެ ފަހުގެ މެޗުތަކަށް ބަލާއިރު އަވާނީން ވަނީ 5-3 އިން އަމިއްލަ މޯލްޑިވްސް ބަލިކޮށްފަ އެވެ. މި މެޗުގައި އަވާނީގެ ޝިނާން އިބްރާހިމް އާއި ގުސައްޔު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ޖައިލަމް އެވެ. އަމިއްލަގެ ލަނޑުތައް ޖެހީ އަބްދުލް ސަމީއު ހަލީލް ދެ ގޯލުގެ އިތުރުން، އަހުމަދު އަހުސަން ގޯލެކެވެ. 
ގްރޫޕް އޭގައި މިލައިދޫން ކުޅުނު ފަހު މެޗުގައި ވައްކަރުއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ވައްކަރުގެ އީވާން އިބްރާހިމް ޒުބައިރު ގޯލު ޖެހިއިރު، މިލައިދޫން ލަނޑު ޖެހީ އާދަމް ނަސީރު އެވެ. 
ގްރޫޕް ބީގެ ފަހު މެޗުތަކަށް ބަލާއިރު، ފިނޮޅުން ވަނީ ފޯ ސީޒަންސް ރިސޯޓް، މޯލްޑިވްސް އެޓް ލަނޑާގިރާވަރު އަތުން 3-1 އިން މޮޅުވެފަ އެވެ. ފިނޮޅުގެ ލަނޑުތައް ޖެހީ، އިބްރާހިމް ނާފިޒް، ހަސަން ޝާމް އަދި އަލީ ޝަހީދު އެވެ. ލަނޑާގިރާވަރުގެ ލަނޑު ޖެހީ މުހައްމަދު ޖުނައިދު އެވެ. އަނެއް މެޗުގައި، އަނަންތަރާ އިން ވަނީ ސޮނޭވާފުށި މޯލްޑިވްްސް 5-2 އިން ބަލިކޮށްފަ އެވެ. އަނަންތަރާގެ ރަޝާދު އަބްދުލް މަތީން ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑުތައް ޖެހީ މުހައްމަދު ޖަލާލް އާއި އިސްމާއިލް އުމަރު އެވެ. ސޮނޭވާފުށީގެ ލަނޑުތައް ޖެހީ އަހުމަދު އަސްލަމް ދެ ލަނޑެވެ. 
މި ގްރޫޕްގެ ތާވަލަށް ބަލާއިރު، އަނަންތަރާ އިން ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެއް ވަަނައިގައި އޮވެގެންނެވެ. ދެ ވަނަ އަށް ދިޔަ ފިނޮޅުން ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ލަނޑާ ގިރާވަރަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ސޮނޭވާފުށި ތިން މެޗުން ވެސް ވީ ބައްޔެވެ. 
ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލުގައި، އަވާނީން ފިނޮޅާ ކުޅޭއިރު، އަނަންތަރާ އިން ބައްދަލުކުރާނީ ވައްކަރުއާ އެވެ. 
މިދިޔަ އަހަރުގެ ފައިނަލުގައި، އަނަންތަރާ އާއި ފިނޮޅުން ބައްދަލުކުރި މެޗުގައި، ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އަނަންތަރާ މޮޅުވީ 7-6 އިންނެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ