ޖޫންމަހު 123،000 އަށްވުރެ ގިނަ ފަތުރުވެރިން

ޖޫންމަހު ރާއްޖެއަށް 123،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހު ރާއްޖެއަށް ވަނީ 123,552 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %12 ދަށް އަދަދެކެވެ. އަދި 2024 ވަނަ އަހަރާ އަޅާ ބަލާއިރު %0.2 އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނު އިރު ރާއްޖެއަށް ވަނީ މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,067,543 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މާރިޗު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ.
* ޖަނަވަރީ: 227،403 ފަތުރުވެރިން
* ފެބުރުވަރީ: 254،556 ފަތުރުވެރިން
* މާރިޗު: 161،259 ފަތުރުވެރިން
* އެޕްރީލް: 152،861 ފަތުރުވެރިން
* މޭ: 142،555 ފަތުރުވެރިން
* ޖޫން: 123,552 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %72 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %23 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ