ޗެއާޕާސަން ކަމަށް ނަޝީދު ހޮވައި، ފައްޔާޒަށް ރިޔާސީ ޓިކެޓު ދޭން ތާއީދު: ނިޒާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ދިނުމަށް، އައްޑޫ މޭޔަރު އަލީ ނިޒާރު ތާއީދު ކުރައްވައިފި އެވެ.އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ނަޝީދު ހާމަކުރައްވައި، ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.އެ ނިންމުމަށް ތާއީދުކުރައްވައި ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.އޭނަ ވިދާޅުވީ ފައްޔާޒަކީ ރާއްޖެ އަށް ބޮޑެތި ސިޔާސީ އިސްލާހު ގެންނަން ޖެހޭ މި ދަނޑިވަޅުގައި ކެރިގެން އެކަން ކުރެވޭނެ ގާބިލުކަން ހުރި ސިޔާސީ ލީޑަރެއް ކަމަށެވެ. އަދި ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް ހުރި ނަމަވެސް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ހުދުމުހުތާރު ވިސްނުންތަކެއް ކަމުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ.ދެ ބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅައިފައެވެ."މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާޢީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު އިއުލާނުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ