މަންމަގެ ދަރަޖަ އެންމެ މަތިވެރިކުރެއްވެވީ ﷲ! އެއްވެސް މީހަކާ ހަމަހަމައެއް ނުކުރެވޭނެ!

ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ވީމާ އެދަރަޖަ އެގޮތަށް އޮތުމަކީ އެންމެން ހަމަހަމަވުމެއް ނޫނެވެ. ﷲ ތަޢާލާ ދަރަޖަ މަތިވެރިކުރައްވަވާ ބައަކު އެބަވެއެވެ. އެއިގެ ތެރޭގައި މައިން ހިމެނެއެވެ. މައިންގެ ދަރަޖަ ބައްޕައިންނަށްވުރެ 3 ގުނައަށް މަތިކުރެއްވެވީ ﷲ ތަޢާލާއެވެ. އެކަން އެނގެން އޮތީ ޙަދީޘްފުޅުންނެވެ.  
އެހެންކަމާއިއެކުގައިވެސް މިހާރަކަށް އައިސް އިސްމީހެއް، ކަމޭހިތަންޖެހޭ މީހެއް، އިޙްތިރާމްކުރަންޖެހޭ މީހެއް ހުންނަ ކަމަކަށް ނުވެއެވެ. ދެކެނީ އެންމެން ހަމަކަމަށެވެ. އެކަން ބޮޑުވެ ހަމަހަމަކުރުމުގައި މައިންބަފައިންވެސް މިވަނީ އެއް ދަރަޖައަކަށް ލައި ނިންމައިފައެވެ.  
މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާންޖެހޭނެ ކަމެކެވެ. ކީރިތި ޤުރްއާނުގައި މަތިވެރިކުރައްވަވާފައިވާ ބައަކާއިމެދު އެހެން ގޮތަކަށް ވިސްނޭނަމަ އެކުރެވެނީ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ؟ ވީމާ މިޒަމާނުގައި މިގެންގުޅޭ "މިނެދޭ ނާޅިން މިނެދިނުމުގެ އުޞޫލު ބައިންބަފައިންނާއިމެދު ގެންގޫޅެވޭނަމަ އެމީހަކަށް އެކުރެވެނީ ބޮޑުފާފައެއްކަން ތިރީގައިވާ ލިޔުމުން އެނގިގެންދާނެއެވެ. އިން ޝާ ﷲ  
އިސްލާމްދީނުގައި އެތައް ޙައިޘިއްޔަތަކުން އަންހެނުން މާތް ކުރެއްވިއެވެ. މަންމަ އެއްގެ ޙައިޘިއްޔަތުން އޭނާ އަށް ކިޔަމަންތެރިކަން އަދާކޮށް، ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އަމުރުކުރެއްވިއެވެ. މަންމަގެ ރުހުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. މަންމަގެ ދެފައިތިލަ ދަށުގައި ސުވަރުގެ ލެއްވިއެވެ. އުއްފެއްގެ މިންވަރަށްވެސް ނުރުހުމުގައި މަންމަ އާއި ދިމާލަށް އެއްޗެއް ނުބުނުމަށް އަމުރުކުރެއްވިއެވެ. މަންމަ އަށް ނުކިޔަމަންތެރި ވުމަކީ ބޮޑު ފާފަތަކުގެ ތެރޭގައި ލެއްވިއެވެ. ބައްޕަގެ ޙައްގަށްވުރެ މަންމަ ގެ ޙައްގު މަތިވެރި ކުރެއްވިއެވެ. މަންމަ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހުގައި އަޅާލުންދީ އޯގާތެރިކަމާއެކު ޚިދްމަތްކޮށްދިނުމަށް އަމުރު ކުރެއްވިއެވެ.  
އަލްއަޙްގާފް ސޫރަތުގެ 15 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.  
(وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ)  
މާނައަކީ: "إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ". 
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ