ކާވާ ކަޕް ފައިނަލް؛ މިރެއަކީ ކުޅިވަރުގައި ދިވެހިންނަށް ވަރަށް ހާއްސަ ރެއަކަށްވާނެ

ރާއްޖޭގެ ކުޅިވަރުގައި ފަހަރެއްގައި މިރެއަކީ ވަރަށް ތާރީހީ ރެއަކަށް ވުން ވަރަށް ގާތެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ކާވާ ކަޕްގެ އެއްކޮޅުން ފައިނަލަށް ދިވެހިރާއްޖެ މިވަނީ ދަތުރުކޮށްފައެވެ.
މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވަނީ އިއްޔެ ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނުމެޗް ސީދާ ތިންސެޓުން ކާމިޔާބުކޮށްގެންނެވެ. ދިވެހި ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗްގެ ސެޓްތައް ގެންގޮސްފައިވަނީ ފުރަތަމަ ސެޓް 25-17 ، ދެވަނަ ސެޓް  25-12 އަަދި އެންމެ ފަހުސެޓް 15-12 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗްގެ އިތުރުން، މި މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ޓީމުން ދެއްކި ކުޅުމުން މުބާރާތް ކާމިޔާބުކުރަން ކުޅުންތެރިން އެދިއެދި ތިބި ވަރު ކިތަންމެ ރަނގަޅަކަށްވެސް ވަނީ ފެނިގެންގޮސްފައެވެ.
ކާވާ ކަމް މުބާރާތައް މިފަހަރު ދިވެހިން ކުރިމަތިލީ ކުޑަ އުއްމީދަކާއެކުގައެއް ނޫނެވެ. ދިވެހިންގެ އުއްމީދަކީ މުބާރާތެއްގައި ޓީމަކަށް ނެރެވޭނެ އެންމެ ރަނގަޅު ނަތީޖާއަކާއެކު ތަށި ހޯދުމެވެ. މިއީ ދިވެހިންނަށް ނުކުރެވޭނޭ ކަމެއް ނޫންކަން އެންމެފަހުން ބޭއްވި މުބާރާތުގައި ޓީމުން ވަނީ ދައްކުވައިދީފައެވެ. ކުރީ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ކިރްގިސްތާނު އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ ރާއްޖެއަށް ތަށި ގެއްލުނު ނަމަވެސް ދިވެހި ޓީމުން މި މުބާރާތަށް ނިކުތީ އައު އަޒުމަކާއެކުގައެވެ. މުބާރާތުގެ ފައިނަލާ ހިސާބަށް އާއިރުވެސް ޓީމްގެ ފަރާތުން ވަނީ އެހިތްވަރާއި އަޒުމް ފެނިގެންގޮސްފައެވެ.
ޤައުމީ އަންހެން ވޮލީޓީމް ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ކާވާ
މިފަހަރުގެ މުބާރާތުގައި އެންމެ ފާހަގަކުރެވިގެންދިޔަ އެއް މެޗަކީ ކިރްގިސްތާނާ ދެކޮޅަށް ކުޅުނުމެޗް ދިވެހި ޓީމުން ނެރުނު ނަތީޖާއެވެ. އެ މެޗް ރާއްޖެ ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މި ނަތީޖާއަށް ބަލާއިރު، ފައިނަލް މެޗްގައި ދިވެހިންނަށް ކިރުގިސްތާނުގެ މައްޗަށް ކުރި ހޯދުމަކީ ދިވެހިންނަށް ނުކުރެވޭނޭ ކަމެއް ނޫންކަމަށް އެއޮތީ ދައްކާފައެވެ. 
ދިވެހިންގެ މެދުގައި އެންމެ މަގްބޫލް ކުޅިވަރަކީ ފުޓްބޯޅަކަމުގައި ވީނަމަވެސް، ވޮލީބޯޅަ ހިމެނެނީ އެންމެ ރަނގަޅު ރޫހެއް އޮތް ކުޅިވަރުގެ ގޮތުގައެވެ. މިކަން ކަވާކަޕް މުބާރާތުގައި ދިވެހިޓީމް ކުޅޭ މެޗްތަކަށް ބަލާލުމުން ފެނިގެން ދެއެވެ. 
ކާވާ ކަޕް ފައިނަލް ފައިނަލްގައި މިރޭ ދިވެހިޓީމް ކިރްގިސްތާނާ ދެކޮޅަށް ނިކުންނައިރު ހުރިހާ ދިވެހިންގެވެސް އުއްމީދަކީ މެޗުން މޮޅުވެ، ތާރީހީ ރެކޯދަކާއެކު ދިވެހިޓީމް މުބާރާތުގެ ތަށި އުފުލާލުމެވެ. މިހާތަނަށް ފެނިގެންދިޔަ ނަތީޖާތަކަށް ބަލާއިރު، މިއީ ދިވެހި ޓީމަށް ނުކުރެވޭނޭކަމެއް ނޫންކަމަށް ދިވެހިން ގަބޫލްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ