ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާ ސޯޝަލް ހައުސިން ފުލެޓުތައް ހުސްކުރަން އަންގައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފުލެޓުތައް ހުސްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ބައެއް ފްލެޓްތައް، ބިދޭސީންނަށް ކުއްޔަށް ދީފައިވާކަން ފާހަގަވާ ކަމަށެވެ. އެ ކޯޕަރޭޝަނުން ވަނީ، ޖަނަވަރީ ތިނެއްގެ ކުރިން އެ ފްލެޓުތަކުގައި ދިރިއުޅޭ ބިދޭސީން އެ ފުލެޓެއް ހުސްކުރުމަށް އަންގައިފައެވެ. އެ ތާރީޚުގެ ފަހުން ހުޅުމާލެެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުން އުވާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން، އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން އެދިފައިވެއެވެ. އެޗްޑީސީން މިފަދައިން އަންގާފައިވާއިރު މިހާރުވެސް ވަރަށް ގިނަ ހިޔާ ފްލެޓްތައް ދިވެހީންނާއި ބިދޭސީންނަށް ބޮޑެތި އަގުގައި ކުއްޔަށް ދޫކޮށްފައި ހުރެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި، އޮކްޓޫބަރު މަހު ދޫކުރަން ފެށި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވިއެވެ. https://sun.mv/212488 އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެ މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ނުހުއްޓުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ