އިންޑިއާ ފުޓްބޯޅައިގެ ހާލަތު ދަށްވެ، ސިޓީ ފުޓްބޯލް ގްރޫޕުން މުމްބާއި ޓީމު ދޫކޮށްލައިފި އިންޑިއާ ފުޓްބޯޅައިގެ ހާލަތު ދަށްވެ، ސިޓީ ފުޓްބޯލް ގްރޫޕުން މުމްބާއި ޓީމު ދޫކޮށްލައިފި

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 25) - އިންޑިއާ ފުޓްބޯޅައިގެ ހާލަތު ދަށްވެ، ސިޓީ ފުޓްބޯލް ގްރޫޕުން ހިނގަމުން އައި މުމްބާއި ކްލަބްގެ ހިއްސާ އެ ގްރޫޕުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިޓީ ފުޓްބޯލް ގްރޫޕުން އައީ ޖުމްލަ އެކު، 12 ގައުމެއްގައި ކްލަބް ހިންގަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި އެމެރިކާ ލީގުގެ ނިއު ޔޯކް ސިޓީ ފަދަ ކްލަބްތައް ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕުން މުމްބާއި ޓީމުގެ ހިއްސާ ގަތީ 2019 ވަނަ އަހަރު އެވެ. މުމްބާއި ސިޓީ އަކީ އިންޑިއަން ސުޕަ ލީގުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ލީގު ވިނާސް ޝީލްޑް ދެ ފަހަރު ހޯދައި، އައިއެސްއެލް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވެ އެވެ.
ސިޓީ ފުޓްބޯލް ގްރޫޕުން މުމްބާއިގެ 65 ޕަސެންޓް ހިއްސާ ދޫކޮށްލަން ނިންމުމުން އެ ކްލަބްގައި ދެން ހިމެނޭ ހިއްސާދާރުން އެ ބައި ގަންނަން ވަނީ ނިންމައިފަ އެވެ. އަދި، އެކަން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ވަނީ އަންގައިފަ އެވެ.
ހުއްޓިފައިވާ އިންޑިއާގެ މައި ފުޓްބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)، ކުންފުންޏެއްގެ ދަށުން ހިންގަން، ސުޕަ ލީގުގައި ވާދަކުރާ އެއް ކްލަބް ފިޔަވައި ހުރިހާ ޓީމެއް ގުޅިގެން ދާދި ފަހުން ހުށަހެޅި އެވެ
އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީ އަށް ސިޓީއެއް މެދުވެރިކޮށް ހުށަހެޅި މި ޕްރޮޕޯސަލްގައި ބައިވެރިނުވާ ހަމައެކަނި ކްލަބަކީ އީސްޓް ބެންގޯލް އެވެ. މެޖޯރިޓީ ކްލަބްތަކުން ހުށަހަޅާފައިވާ މި ޕްރޮޕޯސަލްގައި ވަނީ، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ހާއްސަ ހިއްސާއެއް ލީގު ހިންގާ ކުންފުނިން އޮންނާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން، ލީގު ކޮމްޕެނީ ނަމަކަށް ކިޔާ މި ކުންފުނީގެ ފަރާތުން ކުރިއަށްގެންދާނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން، ލީގު ހިންގުމުގެ ކަންކަމެވެ. އަދި، މި ކުންފުނީގެ އޮނިގަނޑު އެކުލަވާލާނެ ގޮތެއް، ފީފާ އާއި އޭއެފްސީގެ ގަވާއިދުގެ ތެރެއިން ހޯދުމަކީ، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޒިންމާއެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
މި ޕްރޮޕޯސަލަށް ރުހުން ލިބިއްޖެނަމަ، އައިއެސްއެލްގެ 2025/26 ސީޒަން، 45 ދުވަސް ތެރޭ ފަށަން ވެސް ނިންމާފައި އޮއްވައި، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ޕްރޮޕޯސަލް އަނބުރާ ފޮނުވާލައިފަ އެވެ. އަދި، އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ، ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިގެން، އިންޑިއާގެ ފުޓްބޯޅަ ލީގު އަލުން އަވަހަށް ފެށޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، މިހާރު މަޝްވަރާކުރަމުން އަންނަ އެއް ގޮތަކީ، މި އަހަރު ބާއްވަން ޖެހޭ ލީގު ކުރު ފޯމެޓަކަށް ވިޔަސް ރޭވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ