13 އަހަރުގެ ކުއްޖާ މަރާލައި ފޮއްޓަކަށްލުން: 17 އަހަރުގެ ކުއްޖާ 13 އަހަރަށް ކަރެކްޝަނަލް މަރުކަޒަކަށް
ރަހީނުކޮށް މަރާލައި، ލަގެޖް ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ކުރި 17 އަހަރުގެ ކުއްޖާއަށް ކުރި ދައުވާތައް ސާބިތުވެ، 13 އަހަރަށް ކަރެކްޝަނަލް ފެސިލިޓީއަކަށް ލާން ހުކުމްކޮށްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނީ ޖޫން 22، 2021ގެ ދަންވަރު 02:00 ހާއިރެވެ. އެ މައްސަލައިގައި ދައުވާކުރީ ކުޑަކުއްޖަކަށާއި ނ. ލަންދޫ/ބަގީޗާގެ، އިބްރާހިމް ޒިހާންގެ މައްޗަށެވެ. އެ މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. އެ މައްސަލައިގައި ޖުވެނައިލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުވާ ކަމަށް މިދިޔަ އަންގާރައިގައި ހުކުމްކޮށްފައެވެ. އެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާއި 10 މަހާއި ހަތް ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް ހުކުމްކުރިއެވެ. ނަމަވެސް، ޙުކުމްކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަސް ކަމަށް ހުކުމުގައިވެއެވެ. މީގެ އިތުރުން، ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ހުކުމުގައިވެއެވެ. އޭނާއަށް. ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ހުކުމުގައިވެއެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ހުކުމުގައިވެއެވެ. ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޒިހާނުގެ ބައި އަދިވެސް އޮތީ ކްރިމިނަލް ކޯޓުގައި ކަމަށާއި އެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ