އަހަރެމެން ކުރިންސުރެ ގަބޫލުކުރަމުން އަންނަނީ އިންސާނުންގެ ކިބައިގައި ހުންނަނީ ފަސް ހިއްސު ކަމަށެވެ. އެއީ އިވުން، ފެނުން، ރަހަލުން، ވަސްދުވުން، އަދި ބީހުން އިހްސާސްވުމެވެ. ނަމަވެސް ސައެންސްވެރިންގެ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި އިންސާނުންގެ ކިބައިގައި ފަސް ހިއްސަށް ވުރެ ގިނަ ހިއްސު ހުރެއެވެ. އޭގެ ތެރެއިން އެއް ހިއްސަކީ ފިނިހޫނުމިންގެ އިހްސާސް (thermoception) ކުރެވުމެވެ.
ހަޔާތުގެ ބައިވެރިޔާއާ އެކުގައި ނުވަތަ އާއިލާގެ މެންބަރަކާ އެކުގައި ނުވަތަ ރައްޓެއްސަކާ އެކުގައި ބައްދައިލުމުން ވެސް، އުފާވެރިކަމާއި ހަމަޖެހުމާއި ގާތްކަން އިހްސާސް ކުރެވެއެވެ. ނަމަވެސް ސުވާލަކީ، އެކަކު އަނެކަކާ ގައިގޯޅިވެލައި ބައްދައިލަން އަހަރެމެން އެހާ ލޯބިކުރަނީ ކީއްވެ ހެއްޔެވެ؟
ޔަގީނުން ވެސް، ބައްދައިލުމުން، ލޯބިވެވޭކަން އިހްސާސްވެއެވެ. އަގު ވަޒަންކުރާ ކަމާއި އިހްތިރާމްކުރާކަން ވެސް އިހްސާސްކުރެވެއެވެ. ބައްދައިލަން ބޭނުންވަނީ އެހެންވެ ހެއްޔެވެ؟ ނޫނެކެވެ. މުޅިއަކުން އެހެނެއް ވެސް ނޫނެވެ. އެފަދަ އިހްސާސްތަކަށް ވުރެ މާ ފުން އަދި މާ މާނަވީ ކަންތައްތަކެއް އެކަމުގައި އެކުލެވޭ ކަމަށް ސައެންޓިފިކް ދިރާސާތަކުން ދައްކައެވެ.
ޓްރެންޑްސް އެންޑް ކޮގްނިޓިވް ސައިންސަސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެކަކު އަނެކަކާ ބައްދައިލުމުން، ކުރެވޭ އާންމު އިހްސާސްތަކަށް ވުރެ މާ ވަރުގަދަ ގުޅުންތަކެއް އެކަމުގެ އަޑީގައި ފޮރުވިފައިވެއެވެ. އެކަކު އަނެކަކާ ބައްދައިލުމަކީ، އަހަރެމެންގެ ހަށިގަނޑުތައް ފިނިހޫނުމިން ދެނެގަންނަ ގޮތާއި އަހަރެމެންގެ ޒާތީ ހޭލުންތެރިކަން އިތުރުކޮށްދިނުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.
އަހަރެމެންގެ ހަށިގަނޑުގައި ތަބީއީ ގޮތުން އެކުލެވިފައިވާ ފިނިހޫނުމިން ދެނެގަތުމުގެ ގާބިލުކަމަކީ، އިންސާނީ ދަރިފަސްކޮޅުގެ މިއަދާ ހަމައަށް އައިއިރު، ބަދަލުނުވެ އެއް ގޮތެއްގައި ދެމިތިބުމުގެ މުހިންމު އަސާސެއް ކަމަށް ސައެންސީ ދިރާސާތަކުން ހާމަވެއެވެ. ގަދަ ހޫނުގެ ސަބަބުން ހަންގަނޑު ފިހުމުންނާއި، ގަދަ ފިނީގެ ސަބަބުން ހަންގަނޑުގެ ޓިޝޫތައް ހަލާކުވެގެން ދިޔަނުދީ ސަލާމަތްވެވެނީ، އެ ގާބިލުކަމުގެ ސަބަބުންނެވެ. އޭގެ އިތުރުން، މާ ބޮޑަށް ފިނިވުމުން ހަށިގަނޑު ހޫނުކޮށްލަންވެއްޖެ ކަމާއި މާ ބޮޑަށް ހޫނުވުމުން އަވަހަށް ހިޔަލެއްގެ ދަށަށް ވަންނަން ސިކުނޑި ބުނެދެނީ ވެސް އެ ގާބިލުކަމުގެ ސަބަބުންނެވެ.
އެކަކު އަނެކަކާ ބައްދައިލުމުން، ނަފްސާނީ ހާސްކަމާއި ކަންބޮޑުވުން ކުޑަކޮށްދެއެވެ. ހަމައެފަދައިން ހަށިގަނޑުގެ ހޭލުންތެރިކަން އިތުރުކޮށްދީ، ހަށިގަނޑުގެ ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
"މައިމީހާގެ ރަހިމުގެ ތެރޭގައި އޮންނަ އިރު އަހަރެމެން އިހްސާސްކުރާ ރައްކާތެރިކަމާއި ހިމާޔަތުގެ އެންމެ ފުރަތަމަ ފާހަގައަކީ ހޫނުކަން. އަދި ޅަފަތުގައި ލިބޭ އަޅައިލުމާއި އޯގާތެރިކަމާއި، އަހަރެމެން އެކަކު އަނެކަކާ ބައްދައިލާ ކޮންމެ ފަހަރަކު ލިބޭ ރައްކާތެރިކަމުގެ ސިގްނަލަކީ ވެސް، ބައްދައިލުމުން އެލިބޭ ހޫނުކަން،" ލަންޑަންގެ ކުއީން މޭރީ ޔުނިވަސިޓީގެ ޕްރޮފެސަރު އަދި މި ދިރާސާގެ އެއް ބައިވެރިޔާ ލައުރާ ކްރަޗްނެލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި އެކަކު އަނެކަކާ ބައްދައިލުމުން އިހްސާސްކުރެވޭ ހޫނުން ފޮނުވައިދޭ ސިގްނަލްތަކުން، ހަމުގައި ހުންނަ ނާވް ފައިބާތައް ހަރަކާތްތެރިކުރުވައެވެ. ނާވް ފައިބާތައް ހަރަކާތެރިވާން ފެށުމާއެކު ލޯބީގެ ހޯމޯން ނުވަތަ އެޓޭޗްމެންޓް ހޯމޯންގެ ގޮތުގައި މަޝްހޫރު އޮކްސީޓޮސިން ކިޔާ ހޯމޯނެއް ސިކުނޑިން ހަށިގަނޑުގެ ތެރެއަށް ފޮނުވަން ފަށައެވެ.
އާންމު ގޮތެއްގައި މި ހޯމޯން ހަށިގަނޑުގެ ތެރެއަށް ފެތުރިގަންނަނީ، އެކަކު އަނެކަކާ ދެމެދު ޖިސްމާނީ ގުޅުމެއް ހިނގައިގަންނަ ވަގުތުގައެވެ. އޭގެ ތެރޭގައި މައިންބަފައިންނާއި ދަރިންނާ ދެމެދު ހިނގާ ޖިސްމާނީ ގުޅުންތަކާއި، ލޯބިން ބައްދައިލުމާއި، ގާތުން ކިރުދިނުމާއި، ޖިންސީ ގުޅުން ވެސް ހިމެނެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ ހަށިގަނޑުގައި އެކުލެވޭ އޮކްސީޓޮސިން ހޯމޯނަކީ، އިންސާނުންގެ ކިބައިގައި އިތުބާރު ގާއިމުކޮށްދީ އިޖްތިމާއީ އަދި ޖަޒުބާތީ ގުޅުންތައް ވަރުގަދަކޮށްދީ އަދި ކޯޓިސޯލް ހޯމޯންގެ މިންވަރު ދަށްކޮށްދީ ހާސްވުމާއި ކަންބޮޑުވުން ކުޑަކޮށްދޭ ހޯމޯނެކެވެ. އޭގެ އިތުރުން އެންޒައިޓީ (ހާސްވެ ކަންބޮޑުވުން)ގެ މައްސަލަ ހަމައަކަށް އަޅުވައިދީ ހަށިގަނޑުގެ އާންމު ދުޅަހެޔޮކަން އިތުރުކޮށްދޭ ހޯމޯނެކެވެ.
އެކަކު އަނެކަކާ ބައްދަން ލޯބިކުރަނީ ކީއްވެ؟ އެކަކު އަނެކަކާ ބައްދަން ލޯބިކުރަނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ