ކުރިއަށް އޮތް ދެ އަހަރު އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކެއް ދެނީ

ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫަސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި ނިންމެވުން ނިންމެވީ އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.
ތަފްސީލް - ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދޭން ރައީސް ނިންމެވީ މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން އިވުނު ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށް ފަހު އެވެ.
"ވިޔަފާރިތަކުން، ވިޔަފާރިވެރިން ރައީސް އަރިހު ދެންނެވި ހުރިހާ ކަންތައްތަކެއް އަދި އޭގެ އިތުރަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ހިމެނޭގޮތަށް ސަރުކާރާއި ކަމާ ގުޅޭ އެހެން މުވައްސަސާތައް [މީރާ، ކަސްޓަމްސް، އެމްޕީއެލް، އެމްއޭސީއެލް ހިމެނޭހެން] ވިޔަފާރިއަކާ ގުޅުން ހުންނާނެ ހުރިހާ ދާއިރާއެއްގެ އެކި ފަރާތްތަކާ ވާހަކަ ދައްކައިގެން،" ސައީދު ވިދާޅުވި އެވެ.
މިއާއެކު ކުރިއަށް އޮތް ދެ އަހަރު ތެރޭ ވިޔަފާރިތަކުންް ބޭނުންވާ ކަންތައްތަކުގެ އިތުރުން ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ބޭނުންވާ ކަންތައް ވެސް ތަންފީޒުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހާއްސަ އިނާޔަތްތަކެއް، އެސްއެމްއީތަކަށް ދިމާވާ މައްސަލަތަކުގައި ގެންނާނެ ދެ އަހަރަށް ރައީސް ވަނީ ކަނޑައަޅުއްވާފައި. [މިއީ] ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް، ވަރަށް ބޮޑު ހިތްހަމަޖެހުމަށް ވެގެންދާނެ،" ސައީދު ވިދާޅުވި އެވެ.
ގުޅުން ހުރި - އަމިއްލަ ވިޔަފާރިތަކަށް ސަރުކާރު ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާ، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކުހާ 'ލާޖައްސައި' ދިނުމަށް ރައީސްގެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެދިފަ އެވެ. ވިޔަފާރިވެރިންގެ ޝަކުވާއަކަށް ވީ، އެމީހުން ކުރި މަސައްކަތަށް ދައުލަތުން ލިބޭ ފައިސާ ނުލިބި ހުއްޓާ، މީރާ އަށް ދައްކަންޖެހޭ ޓެކްސް ދައްކަން ޖެހުމެވެ.
އެކަމާ ގުޅިގެން ގާނޫނީ ގޮތުން ކުރެވޭނީ ކޮންކަމެއްތޯ ބައްލަވާ ލުއިގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ