ރަސްމާލެ ހިއްކާއިރު ފަރުތަކަށް ގެއްލުންވާތީ، ގަވައިދުތަކަށް އަމަލުކުރޭތޯ ބަލަން ނަޝީދު އެދިވަޑައިގެންފި

މި ސަރުކާރުން ފަށައިފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން ބޭރުވާ ވެއްޔާއި ކިސަޑުން އެ ސަރަހައްދު ވަށައިގެންވާ ފަރަށް ގެއްލުން ލިބޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ކ. މާފުށްޓަށް ކުރެއްވި ދަތުރުގައި، ފުށިދިއްގަރު ހިއްކަމުންދާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހިއްކާއިރު ބޭރުގައި ވެއްޔާއި ކިސަޑުން، ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ބިން ހިއްކުން މުހިންމުކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް ކުރާއިރު، ސަރުކާރުން ބިން ހިއްކުމާ ގުޅޭ ގޮތުން ކަނޑައަޅައިފައިވާ ގަވައިދުތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންޓްރެކްޓަރުން ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާކަން ކަށަވަރު ކުރުމާއި ހާމަކަން ބޮޑު، އަދި ފައިދާހުރި ގޮތެއްގައި ފިޔަވަޅުތައް ތަންފީޒުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/2004053508186952059 ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)އިން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ބެލުމެއްނެތި ކ. އަތޮޅުގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމުގެ ޝަކުވާތައް އެ އިދާރާއަށް ލިބުނު ކަމަށް ބުނެފައެވެ. އެ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން، މަޝްރޫއުތައް ހިންގާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށް، އީއާރުއޭން ބުންޏެވެ. އަދި އެ އިދާރާއިން ހުއްދަދީފައިވާ ގޮތާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް، އެ އިދާރާއިން ބުންޏެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން: މިހާތަނަށް 40 ޕަސެންޓު މަސައްކަތް ވަނީ ހިއްކައި ނިމިފަ --- ފޮޓޯ/ އެމްއޭސީއެލް ރަސްމާލެ ތަރައްގީ ކުރާ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. މިހާރު ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރްސީސީ) އިންނެވެ. https://sun.mv/215720 މި މަހުގެ ފުރަތަމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު 'ޓްރެއިލާ ސަކްޝަން ހޮޕާ' ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް ހަލުވި ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މިއަދު އެމްއޭސީއެލް އިން ވަނީ މި މަޝްރޫއު އާ ގުޅޭ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެގޮތުން، މި ވަގުތު ފުށިދިއްގަރުފަޅުން 41 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މިއީ މި މަޝްރޫއުއަށް ލިބުނު 30 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ