ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށް ފަހު ދައުލަތުގެ މަގާމެއް ނުވަތަ ސަރުކާރުގެ ވަޒީފާއަކަށް އަތުވެއްޖެ ނަމަ ރިޓަޔަމަންޓް އިނާޔަތް ނުލިބޭ ގޮތަށް ފުލުހުންގެ ރިޓަމަންޓް ގަވައިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓުކުރި އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލާނީ ރިޓަޔާކޮށްފައިވާ ފުލުހުން ސަރުކާރު ނުވަތަ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއްގައި ދެމިހުންނަ މުއްދަތުގަ އެވެ.
އަލުން އެ އިނާޔަތް ލިބޭނީ އެ ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ތަފްސީލު - ފުލުހުންގެ ހިދުމަތުން ރިޓަޔާވުމަށް ފަހު ދައުލަތުގެ އިންތިހާބީ މަގާމެއް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށައިފި ނަމަ އެކަން ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުންނަ މުއްދަތުގައި އެ މީހަކަށް ރިޓަޔަމަންޓް އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެ ނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ ދައްކަން ވެސް ޖެހެ އެވެ.
އޭގެ އިތުރުން ރިޓަޔާވުމަށް ފަހު އިންތިހާބުވި މަގާމު ނުވަތަ އަދާކުރާ ސަރުކާރުގެ ވަޒީފާއިން ވަކިވާއިރު އެ ތަނަކުން ރިޓަޔަމަންޓް ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، އިހުތިޔާރު ކުރެވޭނީ އެ ޕެކޭޖާއި ފުލުހުންގެ ރިޓަޔަމަންޓް އިނާޔަތުގެ ތެރެއިން ކޮންމެވެސް އެއް އިނާޔަތެކެވެ.
އެ އިސްލާހަށް މިއަދު އަމަލުކުރަން ފެށިއިރު، މީގެ ކުރިން ރިޓަޔާކޮށްފައިވާ ފުލުހުންގެ މައްޗަށް ވެސް އެ އިސްލާހާ އެކު އަންނަ ބަދަލުތައް ހިނގާނެ އެވެ.
އެނގުން މުހިންމު - ރިޓަޔާކުރާ ފުލުހުންގެ އިތުރުން ސިފައިންނާއި ފަނޑިޔާރުން ވެސް ޕެންޝަން ނަގަމުން ދައުލަތުގެ އެހެން ވަޒީފާތަކާއި މަގާމުތައް އަދާކުރައްވާތީ އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ބައެއް މެމްބަރުން ސިފަކުރައްވާފައިވާ ގޮތުގައި ރިޓަޔާކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރެއްވުމަކީ ޕެންޝަން ނިޒާމުގެ ނާޖާއިޒު ފައިދާ ނެގުމެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކަށް ވެސް ރިޓަޔާޑް ބޭފުޅުން މި ސަރުކާރުން ވަނީ އައްޔަންކޮށްފަ އެވެ.
ރިޓަޔަމަންޓް އިނާޔަތާއި މުސާރައަށް ދައުލަތުން އެއްފަހަރާ ހޭދަކުރަން ޖެހުމަކީ ހަރަދު ބޮޑުވާ ކަމެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.
"މިކަމަށް ހައްލެއް ގެނައުމަށް، ކަމާބެހޭ ހުރިހާ އިދާރާއަކަށް އަޅުގަނޑު މިހާރު އަންގާފައިވާނެ... ސަރުކާރުން އައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އައްޔަންކޮށްފި ނަމަ، ނޫނީވިއްޔާ އިންތިހާބީ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އިންތިހާބު ވެއްޖެ ނަމަ، އެ މަގާމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، އެ ރިޓަޔާމަންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް،" ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ޑަބަލްކޮށެއް ނުލިބޭނެ. އިލެކްޓަޑް މަގާމަކަށް، ނޫނީވިއްޔާ އެޕޮއިންޓަޑް މަގާމަކަށް އައިސްފި ނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކަށް ކަމުގައި ވިޔަސް، އެ މުއްދަތުގެ ތެރޭގައި މެދުކެނޑޭނެ."
ރިޓަޔާވާ ފުލުހުން ސަރުކާރު ވަޒީފާ އަދާކުރާ ނަމަ ރިޓަޔަމަންޓް އިނާޔަތް ނުލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ