ލޯބީގެ ގޮތުން ގުޅުމެއް އުފައްދައިގެން 16 ސްކޭމެއް ކުރި: ފުލުހުން
މި އަހަރު ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން, 16 ސްކޭމް ކުރިކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވައި، އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، މިދިޔަ ދިހަ މަހުގެ ތެރޭގައި، 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށެވެ. އޭގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން 16 ސްކޭމެއް ހިންގި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ސްކޭމްތައް ހިންގި ގޮތުގެ ތަފްސީލެއް ނުދެއެވެ. އެ މައްސަލަތަކުގައި 22.7 މިލިއަން ރުފިޔާ ގެއްލުނު އިރު، ހޯދިފައި ވަނީ، 8.5 މިލިއަން ރުފިޔާ ކަމަށް ޝާމް ވިދާޅުވިއެވެ. އެއީ، ގެއްލުނު ފައިސާގެ ނިސްބަތުން ބަލާނަމަ، 37 ޕަސެންޓެވެ. އިތުރަށް ޝާމް ވިދާޅުވީ، އެންޓި ސްކޭމް ސެންޓަރު ހެދުމުގެ ކުރިން ފުލުހުންނަށް ހޯދެނީ، ގެއްލޭ ފައިސާގެ ދެ ޕަސެންޓު ކަމަށެވެ. އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ---- ސަން ފޮޓޯ/ އަމަން ލަތީފް މިގޮތުން، ސްކޭމްގެ މައްސަލަތަކުގައި 12 ބާވަތެއް ފުލުހުންނަށް ވަަނީ ހުށަހަޅާފައެވެ. އެންމެ ގިނަ މީހުން ހުށަހެޅީ، އީކޮމާސް ނުވަތަ ފޭސްބުކް މާކެޓް ޕްލޭސްގެ ސްކޭމް ކޮށްގެނެވެ. އެ ބާވަތުގެ ސްކޭމްގައި ޖެހިގެން 763 މީހަކު ފުލުހުންނަށް ރިޕޯޓުކުރިއިރު، ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ 340 ސްކޭމް މައްސަލަ ހުށަހެޅިއެވެ. އިތުރަށް ފާހަގަވި ސްކޭމްތަކުގެ ތަފާސްހިސާބުތައް: ކާކު ކަން ނޭނގޭ ގޮތަށް އިމްޕާސަނޭޓުކުރި 242 ސްކޭމް ކުރި ގުޅައިގެން 95 މައްސަލަ އިންވެސްޓުމަންޓް ސްކޭމްގެ 55 މައްސަލަ ލިންކު މެދުވެރިކޮށް 37 ސްކޭމެއް ލޯބީގެ ގުޅުމެއް އުފައްދައިގެން 16 ސްކޭމް ކުރި ވަޒީފާގެ ފުރުސަތު އޮފާކޮށްގެން ހަތަރު ސްކޭމް ކުރި އައިޑެންޓިޓީ ސްކޭމްގެ ހަތަރު މައްސަލަ ބިޒްނަސް އީމެއިލްގެ ކޮމްޕްރޮމައިޒްގެ ސްކޭމެއް ޝާމް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ފަހުން، 4،421 ފޯނު ކޯލަށް ޖަވާބު ދެވިފައިވާ ކަމަށެވެ. ސްކޭމު ކޮށްގެން ހޯދާ ފައިސާ ޖަމާކުރާ ބޭންކު އެކައުންޓު ވަގުތުން ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް މިހާރު ވަނީ ލިބިފައެވެ. އެ ބާރު ފުލުހުންނަށް ލިބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ މާރިޗު 17ގައި ގެނައި އިސްލާހާ އެކީގައެވެ. https://sun.mv/203825 އެގޮތުން، މިދިޔަ ދިހަ މަހުގެ ތެރޭގައި ސްކޭމްގެ އެކި މައްސަލަތަކުގައި 48 ގަޑިއިރަށް 2،946 ބޭންކު އެކައުންޓު ފުލުހުން ފްރީޒް ކުރިއެވެ. ޝާމް ވިދާޅުވީ، އެ އެކައުންޓުތަކުގެ ތެރެއިން 754 އެކައުންޓު ކޯޓު އަމުރުގެ ދަށުން އިތުރު މުއްދަތަށް ފްރީޒް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ، މިދިޔަ ދިހަ މަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުން ހަ މައްސަލައެއް ޕްރޮސެކިއުޓް ކުރެވުނު ކަމަށާއި 662 މައްސަލައަކަށް ހައްލު ހޯދައިދެވުނު ކަމަށެވެ. މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަރަށް އާންމުކޮށް ފުލުހުންނަށް ހުށަހަޅައެވެ. އެފަދަ މައްސަލަތަކުގައި އެކި އުކުޅުތައް ބޭނުންކުރާއިރު، އެ ކަންކަމަށް އާންމުން ސަމާލުވުން މުހިންމެވެ. ސްކޭމެއްގައި ޖެހޭ ހާލަތެއްގައި، ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ