ކާވާ ކަޕް ފައިނަލްގައި ރާއްޖެ އާއި ކިރިގިސްތާނުގެ ކުރިމަތިލުމެއް

ރޭ ސޯޝަލް ސެންޓަރުގައި އަނެއްކާވެސް ގައުމީ އަންހެން ވޮލީބޯޅަ ޓީމު ދިވެހިންނަށް ހިތްހަމަޖެހުން ގެނެސްދީފި އެވެ. އަންހެނުންގެ ކާވާ ކަޕްގެ ސެމީ ފައިނަލްގައި އަވަށްޓެރި ބަންގްލަދޭޝްގެ މައްޗަށް ސީދާ ތިން ސެޓުގެ ކާމިޔާބީއެއް ހޯދީ އެވެ.
މި މޮޅާ އެކު މާދަމާ ރޭގެ ފައިނަލްގައި ކިރިގިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މިހާތަނަށް ރާއްޖޭގެ އަންހެން ޓީމަށް ހޯދުނު ކާމިޔާބީއެއް ނޫނެވެ.
މުބާރާތުގެ ލީގު ބުރުގެ ތިން މެޗުން ވެސް މޮޅުވެ އެއް ވަނަ ހޯދީ ރާއްޖެއިން ރޭ ބަންގްލަދޭޝް ބަލިކުރީ 25-17، 25-12، 15-12އިންނެވެ.
ކިރިގިސްތާން ފައިނަލަށް ދިޔައީ އިއްޔެ ހަވީރު އޮތް ސެމީ ފައިނަލް މެޗުގައި ސީދާ ތިން ސެޓުން އަފްގާނިސްތާން ބަލިކޮށްފަ އެވެ.
މިދިއަ އަހަރު މާލޭގައި އޮތް ކާވާ ޗެލެންޖް ކަޕްގެ ފައިނަލްގައި ރާއްޖެ ވަނީ ކިރިގިސްތާން އަތުން 3-2 އިން ބަލިވެފަ އެވެ. އެކަމަކު މިހާރު ކުރިއަށްދާ މުބާރާތުގެ ލީގު ބުރުގައި ކިރިގިސްތާންގެ މައްޗަށް 3-1އިން ރާއްޖެއިން ކުރި ހޯދި އެވެ. މިއީ ހަ އަހަރުގެ ތެރޭގައި ކިރިގިސްތާން އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ