ލިވަޕޫލް (މާޗް 26) - މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު، ދެން ބަދަލުވާނެ ޓީމެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އޭނާގެ އެޖެންޓް، ރަމީ އައްބާސް ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، އުމުރުން 33 އަހަރުގެ ސަލާހު ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމުން، މި ސީޒަނަށް ފަހު، ބާކީ އެއް އަަަހަރު އޮއްވައި، ސަލާހު މި ވަނީ ލިވަޕޫލާ އެކު އެއްބަސްވުމަކަށް އަތުވެ، ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
ސަލާހު، ލިވަޕޫލް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެހެންކަމުން، އޭނާގެ ސޮއި ހޯދާ ޓީމަކުން، ސޮއިކުރާއިރު ބޮޑު ބޯނަސް ފީއެއް ދޭން ޖެހޭނެ ކަަމަށް ބެލެވެ އެވެ. ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) އާއި އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) އިން ސަލާހު ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އައްބާސް ބުނީ، ވަކި ލީގެއް ނޫނީ ވަކި ކްލަބެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެންނަށް އަންނަ އޮފާތަކާ ގުޅޭގޮތުން މަޝްވަރާކުރަން ފަށާނަން،" މިސްރު ޓީވީ އަކަށް އައްބާސް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅުމަށް ފަހު އެވެ.
މި ސީޒަނުގައި، ސަލާހާއި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ ދެމެދު މައްސަަލަތަކެއް ޖެހުނުއިރު، ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނުއިރު، އޭނާ ނިންމީ ޓީމުގައި މަޑުކުރުމަށެވެ. އެކަމަކު، ޖެނުއަރީ ޓްރާންސްފާގައި ވެސް ސަލާހަށް ފާރަލި ސައުދީ އަރަބިއްޔާ ޕްރޯ ލީގުގެ އަލް އިއްތިހާދުން ސަލާހު ގަންނަން ބޮޑު ފީއެއް ހުށަހަަޅާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލިވަޕޫލާ އެކު، ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު، ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.
މި ވަގުތު އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ސަލާހު ވަނީ ލިވަޕޫލަށް ކުޅެދިން 435 މެޗުން 255 ގޯލު ޖަހައިފަ އެވެ.
ވަކި ޓީމަކަށް ދާން ސަލާހު ނިންމާފައެއް ނެތް ވަކި ޓީމަކަށް ދާން ސަލާހު ނިންމާފައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ