އަންނަ އެޕްރީލް 4، އަކީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މުހިންމު ދުވަހަކަށްވާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު (ރެފަރެންޑަމް) އެ ދުވަހު އޮންނާތި އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ގައުމީ ފެންވަރުގައި ނަގާ ފުރަތަމަ ފެންނަ ނުފެންނަ ވޯޓެވެ.
ކައުންސިލް އިންތިހާބާއި ރެފެރެންޑަމް ވޯޓަށް ބާކީ ނުވަ ވަރަކަށް ދުވަސް ބާކީ އޮތްއިރު، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަންކަން އާންމުންނަށް ދަނީ ތިލަވަމުންނެވެ. އޭގެތެރޭގައި ވަޒީފާތައް ބެހުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވޯޓު ހޯދަން ހިންގާ އަމަލުތަކަށް ބީރު ކަންފަތެއް ކޮމިޝަންތަކުން ދީގެން ތިބީ ނުފޫޒު ފޯރާފައި އޮތް މިންވަރުން ކަމަށް ވެދާނެ އެވެ.
ކުރިއަށް އޮތް އިންތިހާބަކީ މިހާތަނަށް ސަރުކާރަކުން އެންމެ ނުފޫޒު ފޯރުވި އިންތިހާބަށް ވެގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިފަކުރެ އެވެ. އެ ޕާޓީން ބުނާ ގޮތުގައި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދަނީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ މިންވަރަށް ކަމަށެވެ. ނަމަވެސް އެކަން ބެލޭނެ މުއައްސަސާއެއް ވެސް މި ގައުމުގައި ނެތް ކަމަށެވެ.
އެހެން ނަމަވެސް، ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމަށް މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަމަހަމަ އިންސާފުވެރި އިންތިހާބުތައް ބޭއްވުމުގެ ޒިންމާ އޮތް އިލެކްޝަންސް ކޮމިޝަން (އީސީ) ފެންނަނީ އަމިއްލައަށް ކަނު ބަނދެވިގެން ތިބެ މި ހުރިހާ ކަމަކަށް ފުރުސަތު ދީީގެން ތިބި ތަނެވެ.
އިންތިހާބާ ދިމާކޮށް އެކި މިނިސްޓްރީތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުއްޓުމެއްނެތި ދަނީ ވަޒީފާ ބަހަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓުތަކަށް ބަލާއިރު ޔޫތު މިނިސްޓްރީގައި އެކަނިވެސް ގިނަ އަދަދެއްގެ ސިޔާސީ މުައްޒަފުން މި ހަފުތާގައި ވެސް ވަނީ ވައްދައިފަ އެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ފަސް މީހަކަށް ވަޒީފާ ދީފައިވެ އެވެ.
ނަމަވެސް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ވަޒީފާ ދެނީ އިންތިހާބަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި، އެއީ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕޭސް ހުރި ވަޒީފާތަކެއް ކަމަށެވެ.
"އަޅުގަނޑަކީ އިންތިހާބާ ގުޅިގެން ކަމެއް ކުރާ މީހެއް ނޫން. އަބަދު އިންތިހާބާ ގުޅިގެންނޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭފުޅުންނަކީ އަބަދު އެކަން ކުރެއްވި ބޭފުޅުން ވީމަ އެހެން ވިދާޅުވެވެނީ ކަމަށް ވެދާނެ،" މުއިއްޒު ވިދާޅުވި އެވެ.
އާރުޑީސީގެ ސައިޓުތަކަށް ޖުމުލަ 142 މުވައްޒަފުން ނަގަން މި މަސް ތެރޭގައި އިއުލާންކުރިއިރު، ކައުންސިލް އިންތިހާބު އިއުލާންކުރިފަހުން ފިއުލް ސަޕްލައި މޯލްޑިވްސްއަށް ވެސް 100 މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
އޭގެއިތުރުން ޕަބްލިކް ވޯކްސްއަށް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގާނެކަން ވެސް ސަރުކާރުން އިންތިހާބާ ދިމާކޮށް އޮތީ އިއުލާންކޮށްފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލާތޯ މި ނޫހުން ސުވާލު ކުރުމުން އެކަމާ ގުޅިގެން އެއްޗެއް ބުނަން އެ ކޮމިޝަނުން އޭރު ވަނީ ދެކޮޅު ހަދާފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދައުލަތުގެ މާލިއްޔަތަށް އަސަރު ކުރަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި ވަޒީފާތަކަށް މީހުން ވެއްދުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި އެވެ.
"ވަޒީފާތަކަށް މީހުން ނެގުމަށް ބައެއް ކުންފުނިތަކުން ގުޅުމުން ބުނިން އިހަށް މަޑުކުރާށޭ، އެއީ ބައެއް ޕްރޮޖެކްޓުތަކަށް. މިހާރު ކޭޝްފްލޯ މިދާ ގޮތުން ބައެއް ފަހަރު ދަތިވެދާނެ،"ޒަމީރު ވިދާޅުވި އެވެ.
ނަމަވެސް ޒަމީރު އެހެން ވިދާޅުވިޔަސް ހުއްޓުމެއް ނެތި ވަޒީފާތަކަށް މީހުން ނަގަމުންދާކަން ގެޒެޓު ބަލާލުމުން ވެސް އެނގެ އެވެ. އިއުލާންނުކޮށް ވެސް ސަރުކާރުގެ ކުންފުނިތަކަށް ދުވާލެއްގެ މައްޗަށް އެތަކެއް މުވައްޒަފުން ނަގަމުންދާއިރު، ސަރުކާރުގައި މިވަގުތު މުވައްޒަފުން ތިބި އަދަދެއް ހާމަނުކުރާތީ ނޭނގެ އެވެ.
އިދިކޮޅުގެ އަޑު ކަނޑުވާލަން މަގުމަތީގައި ހަރުކޮށްފައި ހުންނަ ބެނާތަކާއި ޕޯސްޓަރުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ލައްވާ ދަނީ ނަގަމުންނެވެ. ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ހުރިހާ އެންމެންނަށް ދޭން ލާޒިމުކޮށްފައިވާއިރު، މުޅިންވެސް ދައުލަތުގެ މީޑިއާގައި އިވެނީ ސަރުކާރުގެ އަޑެވެ.
ހާއްސަކޮށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ކުރިއަށް އޮތް ރެފެރެންޑަމް ވޯޓާ ގުޅިގެން ޕީއެސްއެމް އިން ގެނެސްދެނީ ސަރުކާރުން ރައްޔިތުންނަށް އިއްވަން ބޭނުންވާ އަޑެެވެ. އިދިކޮޅުން ތަކުރާރުކޮށް އެދުމުން ވެސް އިދިކޮޅުގެ އަޑު އެ ވޯޓުގައި އިއްވޭނެ ގޮތެއް ޕީއެސްއެމް އިން ހަމަޖައްސާފައެއް ނުވެ އެވެ. އިދިކޮޅުގެ ކަންބޮޑުވުތައް ޕީއެސްއެމްއާ ހިއްސާކުރެވުނީވެސް އެތައް ގަޑިއިރެއް އިހުތިޖާޖުކޮށްގެންކަން ފާހަގަކުރެވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕީއެސްއެމް ހިންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ޓީވީ ހިންގަމުންދަނީ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ގޮތުގައި ކަމަށެވެ.
"ޕީއެސްއެމްއަކީ ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތައް އެންމެންނަށް، ހުރިހާ ޕާޓީތަކަށް ދީގެން އެކަން ކުރެވޭނެ ބައެއް. އެކަމަކު އޭގެ ބަދަލުގައި މިއަދު ޕީއެސްއެމްއިން ކުރާ ކަމަކީ ސަރުކާރަށް ކެމްޕެއިންކުރުން. އެކަމެއް ނުކުރެވޭނެ އެގޮތަކަށް،" ޣަފޫރު ވިދާޅުވި އެވެ.
އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮންނަ ތަނަކަށް ޕީއެސްއެމް ވާންޖެހޭނެ ކަމަށް ގާނޫނުގެ އެތަކެއް މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ރެފެރެންޑަމް ވޯޓުގައި އަމަލުކުރަމުން އަންނާތީ ދައުލަތުގެ މީޑިއާއާ މެދު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ހަމަހަމަކަށް ބާރުއަޅާ ޕީއެސްއެމްގެ ގާނޫނުގެ ބައެއް މާއްދާތައް
5 ވަނަ މާއްދާގެ (ކ): ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތްކުރުމާއި، ޕަބްލިކް ސަރވިސް މީޑިއާއިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން،
5 ވަނަ މާއްދާގެ (މ): މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އައު ވިސްނުންތަކަށް ޖާގަ ދިނުން،
6 ވަނަ މާއްދާގެ (ހ): ޕަބްލިކް ސަރވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ.
6 ވަނަ މާއްދާގެ (ށ): ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.
6 ވަނަ މާއްދާގެ (ރ): ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ.
56 ވަނަ މާއްދާގެ (ރ): ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިށްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހުނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިށްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން.
އިދިކޮޅުން މާލޭގައި އަދި ހުޅުމާލޭގައި ދަމާގައި ހުރި ބޭނާތަކާއި ޕޯސްޓަރުތައް ދަނީ ނަގަމުންނެވެ. ހާއްސަކޮށް ހުޅުމާލޭގައި ހަރުކޮށްފައި ހުރި އިދިކޮޅު ހުރިހާ އެންމެންގެ ޕޯސްޓަރުތަކާއި ބެނާތައް ހަލާކުކޮށްލައިގެން އެޗްޑީސީން ނަގަމުންދާއިރު، އެ ތަކެތި ބަހައްޓަން ހުއްދައެއްވެސް ނުދެ އެވެ. ވަރަށްވެސް ހުދުމުހުތާރުކޮށެވެ. މުޅި ހުޅުމާލޭގައި ހަމައެކަނި ހަރުކުރެވެނީ ޕީއެންސީގެ ބޭނާތަކާއި ޕޯސްޓަރުތަކެވެ.
މިކަމާ ގުޅިގެން އާދަމް އާޒިމް އަދަދު އަށް ވިދާޅުވީ ހުޅުމާލޭގައި ޕޯސްޓަރުތައް ހަރުކުރަން އެޗްޑީސީގައި އެދުމުން ހުއްދަ ނުދީ ހިފަހައްޓައިގެން އުޅޭތީ އެންމެ ފަހުން ޕޯސްޓަރުތައް ޖެހީ ކެމްޕެއިން މުއްދަތު ނިމެން ކައިރިވެފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީއަށް ޕޯސްޓަރު ހަރުކުރުމުގެ ފުރުސަތު ދީފައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޕޯސްޓަރު ހަރުކުރުމުގެ ފުރުސަތު ނުދީ ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ ހަވާލުވެފައިވާ އެޗްޑީސީއަށް ނުހިފެހެއްޓޭނެ ކަމަށެވެ.
"މި ތަނުގެ މުހިންމު ތަންތަން ރިޒާވް ކުރަމުން ދަނީ ޕީއެންސީ ކެންޑިޑޭޓުން، ހޮޅި ޖަހާ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން، ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ، ސަރުކާރުން ބޭނުންނުވާ ބަޔަކަށް ހުއްދަ ނުދީ ނުހިފެހެއްޓޭނެ، މިއީ އިންތިހާބީ ހައްގަށް އަރައިގަތުން،" ހުޅުމާލޭގައި ޕޯސްޓަރު ޖެހުމުގެ ހުއްދަ ނުލިބުނު ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޒަހިއްޔާ ވިދާޅުވި އެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ދަނީ އައު މަޝްރުއުތައް ހަވާލުކޮށް، ބައެއް މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތު ބާއްވަމުންނެވެ. ރަސްމިއްޔާތުތަކުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ދަނީ ބައިވެރި ކުރުވަމުންނެވެ.
ނަމަވެސް މުހައްމަދު މުއިއްޒު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ އިންތިހާބަށް ކަޑަ ނުޖައްސަވާނެ ކަމަށާއި ކެމްޕެއިނަށް އެއްވެސް ރަށަކަށް ވެސް ނުދާނެ ކަމަށެވެ. އެކަމަކު މުއިއްޒު ރަށްރަށަށް ވަޑައި ނުގެންނެވި ނަމަވެސް ވަޒީރުން އެކި ރަށްރަށަށް ވަޑައިގެން އިންތިހާބަށް ދަނީ ކަޑަ ޖައްސަވަމުންނެވެ.
"އިންތިހާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށެއް. އަޅުގަނޑު ގަސްތެއް ނުކުރަން،" މުއިއްޒު ކުރިން ވިދާޅުވި އެވެ.
މުއިއްޒު އޭރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އިންތިހާބުތަކުގެ ކުރިން ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި، އެކަންތައްތައް ފުއްދައި ދިނުމަށް ކަމަށެވެ. އެކަމަކު އިންތިހާބާ ދިމާކޮށް ތިނަދޫ ސިޓީގައި ހައުސިން އަދި މަގު ހެދުމުގެ މަޝްރޫއު ފަށާފައިވެ އެވެ.
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، މަސައްކަތް ހުއްޓިފައި ވަނިކޮށް، ކައުންސިލް އިންތިހާބާ ދިމާކޮށް އެ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން މުއިއްޒު ނިންމެވީވެސް އިންތިހާބާ ދިމާކޮށެވެ.
އެ ނިންމެވުން ނިންމި ބައްދަލުވުމުގައި ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ބައިވެރިވެވަޑައިގަތެވެ. އަރީޝް ވެސް ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.
---
އަންނަ އެޕްރީލް 4، ގައި ކައުންސިލް އިންތިހާބާއި ރެފެރެންޑަމް ނެގުމަށް އިލެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއަދު އިލެކްޝަނުގެ މެންބަރުންނަށްވެސް ހިތަށް އަރާނެ އެއް ސުވާލަކީ މިފަހަރުގެ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވެދާނެތޯއެވެ. ލޯމަރާލައިގެން ތިބީމަ ފަހަރެއްގައި ވާނުވާ ނޭގިދާނެ އެވެ. ވާނުވާ ބެލުމަކީ އިލެކްޝަނުގެ ޒިންމާއެކެވެ.
ހަމަ އެފަދައިން ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގަމުންދަނީ އެއްވެސް ބެލުމެއް ނެތި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަންކަން ރިޕޯޓު ކުރަން ދުރާލާ އެންގި ނަމަވެސް، ރިޕޯޓުކުރާ ކަންކަން ރަނގަޅަށް ބަލާތަނެއް ނުފެނެ އެވެ. ހަމަ ތިބީ ލޯމަރާލައިގެންނެވެ.
އިންތިހާބުގެ ކޮރަޕްޝަނާއި ނާއިންސާފަށް އީސީ އާއި އޭސީސީ ތިބީ ލޯމަރާލައިގެން އިންތިހާބުގެ ކޮރަޕްޝަނާއި ނާއިންސާފަށް އީސީ އާއި އޭސީސީ ތިބީ ލޯމަރާލައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ