އިންތިޚާބުގައި ވޯޓުލާ މީހުން ކުރުން މަނާ ކަންކަމަކީ ކޮބާ؟

ކޮންމެ އިންތިޚާބެއްވެސް އަމާންކަމާއެކު ކުރިއަށްގެންދިއުމަށް ޤާނޫނުގައި ޚާއްސަ ކަންކަމެއް ކަނޑައަޅާފައިވެއެވެ. މިއީ އިންތިޚާބު ކުރިއަށްދާ ވަގުތު އެ ސަރަހައްދުގައި ވޯޓުލާންދާ ފަރާތްތަކުން ކޮށްގެން ނުވާނެ ކަންކަން ތަފްސީލުގޮތެއްގައި ބަޔާންކުރެވި އެކަންކަމާ ދުރުހެލިވުމަށް ރައްޔިތުންނަށް އިރުޝާދު ދިނުމުގެ ގޮތުން ހިމަނާފައިވާ ކަންކަމެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަން ކުރިއަށްދާއިރު ވޯޓުލާ މަރުކަޒުތަކާއި ވޯޓުލާ ސަރަހައްދަށް ދާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަން ހުރެއެވެ. ޤާނޫނުގައި ކުށެއްގެ ގޮތުގައި ބަޔާންކުރާ ކަމެއް އެ މީހަކަށް ނޭނގި ކުރެވުމުގެ ސަބަބުންވެސް އަދަބު ލިބުމަކީ އެކަށީގެންވާކަމެކެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ކަންކަން ހިންގާ ފަރާތުން ގެންގުޅެންޖެހޭ ލިޔުންތައް ފިޔަވައި އިންތިޚާބާ ބެހޭ އެއްވެސް ލިޔުމެއް ނުވަތަ ކެންޑިޑޭޓެއްގެ ފޮޓޯއެއް ނުވަތަ ޕޯސްޓަރެއް ނުވަތަ ސްޓިކާއެއް އަދި ނިޝާނެއްފަދަ އެއްޗެއްވެސް ވޯޓުލާ ސަރަހައްދުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ވޯޓުލާން ދާ ފަރާތްތަކުން ވޯޓުލުމަށްފަހު އެ ސަރަހައްދުގައި މަޑުކުރުމަކީވެސް އާންމުކޮށް އިންތިޚާބުތަކުގައި ފެންނަ ކަމެކެވެ. ނަމަވެސް މިއީވެސް ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
މި އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންވެސް ވޯޓުލުމަށްފަހު ވޯޓުލާ ސަރަހައްދުގައި މަޑުކުރުމަކީ މަނާ ކަމެކެވެ. އަދި ވޯޓުލާން ދާ އެއްވެސް މީހަކު އެމީހަކަށް ދޫކުރާ ވޯޓުކަރުދާސްކޮޅު ހިފައިގެން ވޯޓުލާ މަރުކަޒުން ބޭރަށް ދިއުމާއި ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުމަކީވެސް ޤާނޫނުން މަނާކޮށްފައިވާ ކަންކަމެކެވެ.
ވޯޓުލާން ދާ މީހުން ކުރުން މަނާ ކަންކަމުގެ އިތުރުން ވޯޓުލާ ދުވަހު އެކަމެއް ކޮށްފިނަމަ އަދަބު ދެވޭނެ ކުށްތައްވެސް ޤާނޫނުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން، އިންތިޚާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގޮތާ ޚިލާފަށް، އެއްވެސް ފަރާތަކުން އިޢުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިސްތިހާރެއް ކުރުމަކީ ކުށެކެވެ. އަދި ވޯޓުލާ ސަރަޙައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓުގައިވާ ނަންތަކުގެ ތެރެއިން ނަމެއް ޤާނޫނާ ޚިލާފަށް ބަދަލުކޮށް އެ ލިސްޓަށް އުނި އިތުރު ގެނައުމާއި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހަކަށް ވޯޓު ލުމުގައި ނުފޫޒު ފޯރުވުމަށްޓަކައި އޭނާއަށް ނުވަތަ އޭނާގެ މަޞްލަޙަތު ރައްކާތެރިކުރަން ޖެހިފައިވާ ފަރާތަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ތިބޭ އޮފިޝަލުންނަށް ބިރުދެއްކުން ނުވަތަ އިންތިޚާބުގެ މަސައްކަތަށް ހުރަސްއެޅުމަކީވެސް ޤާނޫނީ ކުށެކެވެ.
މިފަދަ ކުށެއް ކޮށްފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު 9 މަސް ދުވަހާ 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 9،000 ރުފިޔާ އާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ މީހަކު ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން އެއް ފަހަރަށްވުރެ ގިނަފަހަރަށް ވޯޓުލުމާއި އެއްވެސް މީހަކަށް ވޯޓު ދިނުމަށް ދަތިކުރުން، ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުމަކީވެސް ކުށެކެވެ. އަދި އިންތިޚާބެއްގައި އެއްވެސް މީހަކު އެހެން މީހެއްގެ ނަމުގައި ވޯޓުލުމާއި ވޯޓުލާ ސަރަޙައްދުން ބޭރަށް ޤާނޫނާ ޚިލާފަށް ވޯޓުކަރުދާސް ގެންދިޔުމަކީވެސް ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކުށްތަކެވެ.
މިފަދަ ކުށެއް ކޮށްފި މީހަކަށް އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 4 މަސްދުވަހާ 1 އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 4،000 ރުފިޔާ އާއި 12،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ދެވިދާނެއެވެ.
ވޯޓުލާން ދާ ފަރާތްތަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު އެ ވޯޓުކަރުދާސް ފަށްޖަހައި، ވޯޓު ފޮއްޓަށް ކަރުދާސް ލުމުގައިވެސް ސަމާލުކަންދޭންވާނެއެވެ. އެއީ ޤާނޫނީގޮތުން ހުއްދަ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށް ލުމަކީވެސް ޤާނޫނީ ކުށަކަށްވާތީއެވެ. މި ކުށަށް އަރައިގަންނަ މީހަކު 2 މަސް ދުވަހާއި 6 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ 2،000 ރުފިޔާ އާއި 6،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ