ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އަބަދުވެސް މަންފާކުރާނީ އޭރު ވެރިކަމުގައި ތިބޭ ބަޔަކަށް ކަމަށާއި މިހާރު އޮތް ހާލަތުގައި އެއީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ފަންނީ ތަޖުރިބާކާރު، ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.
އެކި ކަންކަމާމެދު ހަސަން ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވައި ލިޔުންތައް ޝާއިއު ކުރައްވާ އޭނާގެ އަމިއްލަ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެއްގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ ފައިދާ އާއި ގެއްލުންތައް ތިލަކޮށްދީފަ އެވެ.
އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ލިޔުއްވި ގޮތުގައި "މިހާރުގެ ހާލަތަށް ބަލައި، ދެ އިންތިޚާބު އެއް ކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން" އެވެ. އޭނާ ލިޔުއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމަކީ ޑިމޮކްރަޓިކް ރޫހާ ހިލާފު ކަމެކެވެ.
"އަޅުގަނޑު ހުށަހަޅާ ގޮތަކީ، ރިޔާސީ ދައުރުގެ ސީދާ މެދުގައި (ދޭއްބައި އަހަރު ފަހުން) މަޖިލިސް މެންބަރުންގެ އިންތިހާބު ބޭއްވުން. ގެނެވޭނޭ އެހެން އިސްލާހުތަކަށް ނަޒަރު ކުރާ ނަމަ، މަޖިލިސްގެ މެންބަރުން، އެމީހުންނަށް ވޯޓުދިން ފަރާތްތަކުން ވަކި ކުރެވޭނޭ އުސޫލެއް އޮންނަން ޖެހޭ،" ހަސަން ހަމީދު ހުށަހެޅުއްވި އެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުން ކެންޑިޑޭޓުން ހޮވެނީ ބޮޑެތި އަމިއްލަ ނުވަތަ އެހެން ފަރާތްތަކަކުން ފައިސާ ހަރަދު ކޮށްގެން ކަމަށާއި އާންމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް ވޯޓު ގަތުމަށް ފައިސާ ދޭން ޖެެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު އޮންނަ ގޮތުން، ފަސް އަހަރެއްގެ ތެރޭގައި، އާންމުންނަށް ދެ ފަހަރު ވޯޓު ހޯދުމަށް ފައިސާ ހަރަދު ކުރަން ޖެހޭ. މި ބަދަލު ގެނައުމުން، ވޯޓުލާ މީހުންނަށް ފައިސާ ހަރަދު ކުރަން ޖެހޭނީ އެންމެ ފަހަރަކު،" ސިޔާސީންނަށް މިކަމުގެ ސަބަބުން ކުރާ ފައިދާތައް ހާމަކުރައްވަމުން ހަސަން ހަމީދު ލިޔުއްވި އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމު 2011 އިން ފެށިގެން 2015 އަށް ފުރުއްވި ހަސަން ހަމީދު ވަނީ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އޭނާ ވަނީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމު ފުރުއްވުމުގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހަސަން ހަމީދަށް 2000 ވަނަ އަހަރު ތައުލީމަށް ހިދުމަތްކުރުމުގެ ދާއިރާއިން އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދައުލަތުން ލިބިފައިވެ އެވެ. ތައުލީމާއި ސައިންސާއި ބަހާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިންޖިނިއަރިންއާ ގުޅޭ ލިޔުންތަކާއި އޮބިއުޗަރީ ހަސަން ހަމީދު އޭނާގެ ބްލޮގުގައި ގަވާއިދުން ލިޔުއްވަ އެވެ.
އޭގެއިތުރުން އޭނާ ވަނީ ގިނަ ފޮތްތަކެއް ވެސް ލިޔުއްވާފަ އެވެ. އެންމެ ފަހުން ލިޔުއްވި އިނގިރޭސި-ދިވެހި ބަސް ޑިކްޝަނަރީގެ ބިޔަ ފޮތް ދަނީ ޗާޕުކުރަމުންނެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ފައިދާ ކުރާނީ ވެރިކަމުގައި ތިބޭ މީހުންނަށް، ރައްޔިތުންނަކަށް ނޫން: ހަސަން ހަމީދު ދެ އިންތިހާބު އެއްކޮށްލުމުން ފައިދާ ކުރާނީ ވެރިކަމުގައި ތިބޭ މީހުންނަށް، ރައްޔިތުންނަކަށް ނޫން: ހަސަން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ