ޕޮލިސް ކޮމިޝަނަރަކަށް ތިން ބޭފުޅަކު ކުރިމަތިލައިފި

ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހުޅުވާލި ދެވަނަ ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.އެނގިފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. ސީޕީގެ މަގާމަށް ތިން ބޭފުޅުން ކުރިމަތިލައްވަފައި މިވަނީ އެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. ސީޕީގެ މަގާމަށް ކުރިމަތިލާން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން އެއްވެސް މީހަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.މިވަގުތު ސީޕީގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ. ފުލުުހުންގެ ގާނޫނޫ އޮންނަ ގޮތުން، ޕޮލިސް ކޮމިޝަނަރު ރިޓަޔާ ކުރައްވައިފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ، އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހުގެ ތެރޭގައި ރިޓަޔާކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ނިންމެވީ ސީދާ ކީއްވެގެންކަން ހާމައެއް ނުކުރެ އެވެ.ދެން އައްޔަނުކުރާ ޕޮލިސް ކޮމިޝަނަރު ވެގެންދާނީ މި ސަރުކާރުން އައްޔަނުކުރީ ތިންވަނަ ކޮމިޝަނަރަށެވެ ނަވީންގެ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ސުޖާއު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ