ޏ. ފުވައްމުލަކުގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރި ނެޓްވޯކެއްގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ބަންދުން ދޫކޮށްލައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގައި އެ ނެޓްވޯކުން ލިބުނު ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް ދައުވާ ކޮށްފައިވަނިކޮށް ބަންދުން ދޫކުރީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު، 34، އަދި ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް، 29، އެވެ.
އެމީހުން ބަންދުން ދޫކޮށްލިއިރު، ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) ވަނީ ވަރަށް ގާތްވެފަ އެވެ. އިންތިހާބު އޮންނާނީ އޭޕްރީލް 4، ގަ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އިންތިހާބާ ދިމާކޮށް އެ ދެ މީހުން ބަންދުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އެދިގެންނެވެ. އެ ދެ މީހުން ދޫކޮށްލަން ޕީޖީން އެދުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަން ސާފު ކުރަން މި ނޫހުން މަސައްކަތް ކުރުމުން ޕީޖީ އޮފީހުން އަދި ޖަވާބެއް ނުދެ އެވެ.
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެ ދެމީހުންގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެ ދެ މީހުންނަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސް ދެ ވެރިން ކަމަށް ފުލުހުންނާ ހަވާލާ ދީ ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ކުރިން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ރަށު ގަސްދޮށުގެ ބަލައި ފާސްކުރިއިރު، އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުން ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓުތައް ބަލައި ފާސްކުރިއިރު، ކުދި އަދަދުތަކުން މީހުން ފޮނުވާފައި ހުންނަ ފައިސާ ހަސަން އާޒިމް އާއި އަހުމަދު ނިއުޝާދުގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެހެންކަމުން، އެ މައްސަލަ އިތުރަށް ތަހުގީގު ކުރިއިރު، އާޒިމް އިސްވެ ހުރެ އަހުމަދު ނިއުޝާދު އާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި އެކި މިންވަރަށް މަސްތުވާތަކެތި ބަންދުކޮށް މަގުމައްޗަށް ނެރުމުގައި ހަރަކާތްތެރިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ޑީލަރުންނަށް މުސާރަ ދީގެން ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން އެ ދެމީހުން ފައިސާ ހޯދާފައިވާ ކަމަށާއި އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން އެ މީހުން ބަލަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިދިޔަ އަހަރުގެ އޯގަސްޓު 1، އާ ހަމައަށް މަސްތުވާތަކެތީގެ ނެޓްވޯކު ހިންގައި އެ ނެޓްވޯކުގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އާޒިމް އައި ނިއުޝާދު، އިރުޝާދު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުން ޖުލައި 1، 2019، އިން އޯގަސްޓު 1، 2024، ގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ އަދި ނިއުޝާދުގެ އެކައުންޓަށް އެ މުއްދަތުގައި 21.8 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އައްޑޫ ސިޓީގައި ފުޅާ ދާއިރާއަކަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ ލޯންޑާކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހަ މީހުން ވެސް ޕީޖީގެ ލަފާގެ މަތިން ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީން ބުނީ މައްސަލައިގައި ތަހުގީގު ކުރުމަށް ގަނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރު ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލިއިރު، ތުހުމަތުކުރެވޭ މީހުން ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
އެ ނެޓްވޯކުގައި ހިމެނޭ މީހުންގެ މައްސަލަ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ފުލުހުން ބަލަން ފެށިއިރު، އެ ނެޓްވޯކުން 2017 އިން ފެށިގެން މަސްތުވާތަކެތި ވިޔަފާރިކުރާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ނެޓްވޯކުގައި ހިމެނޭ ހަތަރު މީހެއްގެ އެކައުންޓުގައި 19 މިލިއަން ރުފިޔާ މިދިޔަ ފަސް އަހަރު ދައުރުވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ނެޓްވޯކުންގެ ބޮޑުން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރާ މީހުން އިންތިހާބާ ދިމާކޮށް ދޫކޮށްލާތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޕީޖީ އޮފީހުން އެދިގެން ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ބޮޑުން ބަންދުން ދޫކޮށްލައިފި ޕީޖީ އޮފީހުން އެދިގެން ފުވައްމުލަކު ޑްރަގް ނެޓްވޯކުގެ ބޮޑުން ބަންދުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ