ކުރިއަށް އެއް މެޗު އޮއްވާ އިންޑިއާ އާއި ބަންގްލަދޭޝް ސެމީއަށް

މިއަދު ހަވީރު ގަލޮޅު ދަނޑުގައި އިންޑިއާ އާއި ޕާކިސްތާނުގެ ކުރިމަތިލުން ވަރުގަދަ ކުޅުމަކާ އެކު ނިންމާލީ އިންޑިއާއިން 3-0ގެ ކާމިޔާބީއެއް ހޯދައި، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލް ކަށަވަރުކޮށްފަ އެވެ.
ނަތީޖާއަށް ބަލާއިރު ވަރަށް ތަފާތު ފެނުނަސް ދެ ޓީމުގެ ކުޅުންގަނޑުން ސާބިތުވީ ޕާކިސްތާނުގެ ޒުވާން ކުޅުންތެރިންގެ ވެސް ފެންވަރު ހުރި ކަމެވެ. ފުރަތަމަ ހާފު ފެށުނުތަނާ ހެން އިންޑިއާގެ ވިޝާލް ޔާދޭވް ލަނޑެއް ޖަހައި ކުރި ހޯދި އެވެ. ނަމަވެސް އޭގެ ފަހުން މި ހާފުގައި ގިނަ ހަމަލާތައް އުފައްދައި ނުރައްކާކުރީ ޕާކިސްތާނެވެ.
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 2-0 އިން ބަލިވުމާ އެކު ސެމީގެ އުއްމީދު ކިރިޔާ ވެސް އޮތީ ބަލިނުވުން ކަމަށް ވާތީ ޕާކިސްތާނުން އިންޑިއާގެ ގޯލު ފޫއަޅުވާލަން ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ދެވަނަ ހާފުގައި މެޗުގެ ނަތީޖާއަށް ތަފާތު ގެންނަން އިންޑިއާއިން އިތުރު ދެ ލަނޑު، ފޯވަޑް އޮމަންގް ޑޮޑުން ޖަހާލި އެވެ. އޭނާގެ ދެވަނަ ލަނޑު އައީ ޕެނެލްޓީއަކުންނެވެ.
ގްރޫޕް ބީގައި ޕާކިސްތާނުގެ ދެ މެޗު ނިމުނީ އެވެ. ދެން އޮންނާނީ ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަނޑައަޅައިދޭ ބަންގްލަދޭޝް އާއި އިންޑިއާ ވާދަކުރާ މެޗު އަންނަ ހޮނިހިރުދުވަހު އެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި މާދަމާ ހަވީރު ރާއްޖެ އާއި ނޭޕާލު ނުކުންނާނެ އެވެ. މި މެޗުން މޮޅުވެގެން ނޫނީ ރާއްޖެއަށް ސެމީގެ ފުރުސަތެއް ނެތެވެ.
ނޭޕާލު މިހާރު ވަނީ ދެ މެޗުން މޮޅުވެގެން ސެމީ ފައިނަލް ކަށަވަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ