ފީޑިން ޓިއުބެއް ނުލިބި ހަ އަހަރުގެ ކުއްޖާ މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
ހަ އަހަރުގެ ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އާދަމް އަޒާން ސުހެއިލަށް ކާންދޭން ބޭނުންކުރާ ފީޑިން ޓިއުބް އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރުވެސް ލިބިފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅޭގޮތުން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މ. ޗީޒް، އިބްރާހިމް އަދާމް ސުހައިލް ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ބޭނުންވާ މުއްދަތަށް ނުލިބިގެން އެކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ، މިމަހުގެ 16 ގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން، އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު މިމަހުގެ 17 ގައި އެ ކޮމިޝަނުން އިސްނަގައިގެން ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.
އެ ތަހުގީގުގައި ބަލަމުން ދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމުވެފައި އޮތްތޯއާއި، ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި، ކުޑަކުދިންނާއި ނުކުޅެދޭ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ގާނޫނުއަސާސީން ތަސައްވުރު ކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައި އޮތްތޯއާއި ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެ ކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމުކޮށްފައި އޮތްތޯ ނުވަތަ ނޫންތޯ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ އެކަން ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކޮށް ދަންނަވާނެ ކަމަށާއި އެ ކޮމިޝަނުން ދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފީޑިން ޓިއުބެއް ނުލިބި ހަ އަހަރުގެ ކުއްޖާ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ