ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ރިހިދޯދި، މޫސަލް މުޢީން (37އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބުރުވަރީ 26 ވަނަ ދުވަހުއެވެ.
ފުލުހުން މަޢުލޫމާތުދިން ގޮތުގައި މޫސަލް މުޢީން ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، އެ ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މޫސަލް މުޢީންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މިފަދަ ބަދުއަޚުލާގީ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، ކުޑަކުދިންނަށް ކުރާ އެންމެހައި އަނިޔާތަކަކީ އެ މުއައްސަސާއިން ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރާނެ މައްސަލަތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ