ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ އިހުސާސްތަކާއި ވަރަށް ގިނަ ބައެއްގެ ވިސްނުންތަކެއްގެ މައްޗަށް ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްގެން ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި، އެއާ އިރުއިރުކޮޅާ ކުޅޭ ނަމަ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު މަޖިލިސް ޗުއްޓީގައި އޮއްވާ އަވަސްއަރުވާލައިގެން ފާސްކުރުމުގެ ކަންބޮޑުވުން އިދިކޮޅުން އަންނަނީ ހުއްޓުމެއް ނެތި ފާޅުކުރަމުންނެވެ.
އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ޖެހެ އެވެ. އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ހިޔާލު ހޯދުމުގެ ވޯޓު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.
ބުނީ ކީކޭ؟ - ޕީއެންއެފްއިން އާޓިފިޝަލް ބީޗުގައި މިހާރު ބާއްވަމުންދާ 'ޗަގޯސް' ޖަލްސާގައި ޖަމީލު ވަނީ، ގާނޫނުއަސާސީއަށް މި ސަރުކާރުން އިރުއިރުކޮޅާ ގެންނަ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޖަމީލު ވިދާޅުވީ ގާނޫނުއަސާސީއަކީ އާދައިގެ ގާނޫނެއް ނޫން ކަމަށާއި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާފައިވަނީ ވެސް ސަބަބަކަށްޓަކައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ ޒިންމާތަކަކީ ވެސް އާދައިގެ ޒިންމާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ބާރުތަކެއް މަޖިލީހަށް ދީފައިވަނީ ވެސް އެއީ މުޅި ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާ ތަނަކަށް ވާތީ އެވެ.
ގާނޫނުއަސާސީގައި ރައްޔިތުންގެ ބާރު އެންމެ ފުރަތަމަ އޮތީ ވެސް ރައްޔިތުންގެ ބާރު ދެމެހެއްޓުމަށްޓަކައި ކަމަށް ޖަމީލު ވިދާޅުވި އެވެ. ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ، ބޭނުން ގޮތަކަށް، ބޭނުން އިރަކު، ބޭނުން ކަމެއް ކުރާ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީއަކީ އެއްވެސް ހާލެއްގައި އާދައިގެ ގާނޫނެއް ނޫން. ގާނޫނުއަސާސީއަކީ އިރުއިރުކޮޅާ އެޔާ ކުޅޭ އެއްޗެއް ވެސް ނޫން. ރާއްޖޭގައި މިހާރު މިއޮތް ގާނޫނުއަސާސީ ވުޖޫދަށް ގެނައި އިރު، ވަރަށް ގިނަ ޝަކުވާތަކަކާއި ވަރަށް ގިނަ އިހުސާސްތަަކަކާއި ވަރަަށް ގިނަ ކަންބޮޑުވުންތަކާއި ވަރަށް ގިނަ ކެކުޅުންތަކަކާއި ވަރަށް ގިނަ ޖަޒުބާތުތަކާއި ވަރަށް ގިނަ ހިޔާލުތަކަކާއި ރައްޔިތުންގެ ވަރަށް ބައިވަރު ވާހަކަތަކަކާއި ކަންތައްތަކެއް ހުރި. އެކަންތައްތަކާ މަޝްވަރާކުރެވިގެން މިހާރު މިއޮތް ގާނޫނުއަސާސީ ވުޖޫދަށް އައީ،" ޖަމީލު ވިދާޅުވި އެވެ.
"މިއީ ހަމަ ހުރެފަކާ މިހެން ދިމްޔާތުގެ ތެރެއަށް ލެއްގި އެއްޗެއް ނޫން. މިއީ ވަރަށް ބައިވަރު މަސައްކަތްތަކެއް ވަރަށް ބައިވަރު ވިސްނުންތަކެއް."
ދިމްޔާތުގެ ނަން ގެންނެވީ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެކޮޅަށް ނިސްބަތްކުރައްވަ އެވެ.
ކޮންމެ ގައުމެއްގައި ވެސް ގާނޫނުއަސާސީއެއް ވުޖޫދުކުރަނީ އެ ގައުމެއްގެ ތާރީހާއި ތަޖުރިބާކޮށްފައި ހުރި ކަންކަމާއި ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކަކާއި ހައްގުތަކެއް ކަށަވަރުކޮށްދިނުމަށް ރައްޔިތުން ނިންމާ ނިންމުމެއްގެ ތެރެއިން ކަމަށް ޖަމީލު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުން، އަންނަ މަހުގެ 4ގައި ނަގާ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ އެ ގާނޫނުއަސާސީ ނިމުމަކަށް އަންނާނެ އެެވެ. ދެ އިންތިހާބު އެއްކޮށްލުމަކީ މި ސަރުކާރަށް ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ނަގަން ކުރާ ކަމެއް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"ގާނޫނުއަަސާސީގެ އޮނިގަނޑު ބައްޓަންކުރެވިފައި އޮތީ ހަމަ އެއްގޮތަކަށް ވެސް ވެރިކަމަށް އަންނަ މީހަކު ބޭނުން ގޮތަކަށް ގަޑުބަޑުކޮށްލައިގެން މުޅި އެތި ކުރިއަށްގެންދާ ގޮތަކަށް ނޫން. މިހާރު ދެ އިންތިހާބު އެއްކޮށްލާ މަސައްކަތްކުރީމާ ބަރުލަމާނީ ނިޒާމު އޮޓަމެޓިކްކޮށް ރިޔާސީ ނިޒާމުގެ ތެރެއަށް ވަދެގެން މިދަނީ،" ޖަމީލު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަކީ ވަރަށް ގިނަ ބައެއްގެ ވިސްނުން، އިރުއިރުކޮޅާ ކުޅެން ޖެހޭވަރުގެ އެއްޗެއް ނޫން: ޖަމީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ