ހަނގުރާމަ ވަގުތުން ހުއްޓާލައި މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ރާއްޖެއިން ގޮވާލައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި މަސްރަހު ފިނިކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ، އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިރާނުން ގަލްފުގެ ޤައުމުތަކާއި ދެކޮޅަށް ދެމުންދާ ޙަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 61 ބައްދަލުވުމުގެ ތެރެއިން އިރާނުން ގަލްފުގެ ޤައުމުތަކާއި ދެކޮޅަށް ދެމުންދާ ޙަމަލާއާއި ގުޅޭގޮތުން ބޭއްވި ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވާފައިވަނީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ބައްދަލުވުމުގައި ދާއިމީ މަންދޫބު ޑރ. ސަލްމާ ވަނީ، މެދުއިރުމަތީގެ މަސްރަޙު ހޫނުވަމުންދާ ދިއުމާއި މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.
ޑރ. ސަލްމާ ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އާންމު ތަންތަނާއި، ޤައުމުތަކުގެ އަސްކަރީ ނޫން ހައްސާސް ތަންތަނަށް ހުރިހާ ފަރާތްތަކަކުންވެސް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ. މި ޙަމަލާތަކުގައި ކުށެން ނެތް މީހުން މަރުވަމުންދާކަން ފާހަގަކުރައްވާ ޑރ. ސަލްމާ ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އަދި އިންސާނީ ހައްޤުތަކާއި ބެހޭ ޤާނޫނޫތަކާއި ޚިލާފު އަމަލެއް ކަމަށެވެ.
މީގެ އިތުރުން އީރާނުން ގަލްފުގެ ޤައުމުތައް ކަމުގައިވާ، ސަޢުދި އަރަބިއްޔާއާއި، ޔޫއޭއީއާއި، ޤަތަރާއި، ކުވެއިތާއި، އޮމާންގެ އިތުރުން އުރުދުންގެ އާންމު ތަންތަނާއި ހައްސާސް ތަންތަނަށް ދޭ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިންސާނީ އަދި އިޤްތިޞާދީ މައްސަލަތަކާއި ކުރިމަތިވެ، ދުނިޔޭގެ ބާޒާރަށާއި، ބޯޓު ދަތުރުފަތުރުގެ ސިނާޢަތަށް ބުރު އަރަމުންދާ ކަމަށްވެސް ޑރ. ސަލްމާ ވިދާޅުވިއެވެ.
އެހެންކަމުން އދގެ ޗާޓަރާއި އެއްގޮތަށް ބާރުގެ ބޭނުން ނުކޮށް ސުލްޙަވެރި ކަމާއިއެކު މައްސަލަ ޙައްލުކުރަން އިސްކުރުމަށާއި، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރާއި އެއްގޮތަށް މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ޤައުމުތަކުގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން މިމައްސަލަ ޙައްލުކޮށް މެދުއިރުމައްޗަށް އަމާންކަމާއި، ސުލްޙަވެރިކަމާއި، ރައްކާތެރިކަން ގެނައުމަށް މަސައްކަތް ކޮށްދިނުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވިއެވެ.
މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށް ޤައުމުތަކުން މަސައްކަތް ކޮށްދިނުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވާއިރު، މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި ދެކޮޅަށް އެމެރިކާ އަދި ޔަހޫދީ ދައުލަތް އިސްވެ އޮވެ ވަނީ ޙަމަލާ ދީފައެވެ. މިޙަމަލާތަކުގެ ރައްދުގައި އިރާނުން ދަނީ، ސަރަޙައްދީ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ބައެއް އެހެން ތަންތަނަށްވެސް ޙަމަލާ ދެމުންނެވެ.
ޔަހޫދީ ދައުލަތުން މެދުއިރުމަތީގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެކި ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ. އެގޮތުން، ރާއްޖެއަކީ އެ ދައުލަތުގެ އަމަލުތައް ކުށްވެރިކޮށް، އެ ދައުލަތާމެދު ފިޔަވަޅު އަޅައި އެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް އަބަދުވެސް ގޮވާލަމުންދާ ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ