ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ސެމީއާ ގާތަށް ނޭޕާލް ޖެހިލި ނަމަވެސް، މެޗުތެރެއިން ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޭޕާލް ޓީމުގެ ކޯޗު، އުރްޖަން ޝްރެސްތާ ފާޅުކޮށްފިއެވެ.
ލަންކާއާ ދެކޮޅަށް ކުޅެ ނޭޕާލް މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭޕާލް ޓީމަށް އެއް ލަނޑު ޖެހުނު ނަމަވެސް، މުޅި މެޗުގައި އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ހަތަރު ހަމަލާއެއް، ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކޯޗު އުރްޖަން ބުނީ، މެޗުން މޮޅުވުމުން އެކަމާ ހިތްހަމަޖެހުނު ނަމަވެސް، ލިބޭ ފުރުސަތުތަކުގެ ބޭނުން މެޗުތެރެއިން ނުހިފޭނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ޙާއްސަކޮށް ކުރިއަށް އޮތީ ވެސް ވަރަށް އުނދަގޫ މެޗުތަކެއް ކަމަށްވާއިރު، މި މެޗުތަކުގައި، ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭނަމަ، ބައިކޮޅަށް ލަނޑު ވަންނަން ފުރުސަތު ބޮޑުވެ މެޗުން ބަލިވުމުގެ ފުރުސަތު ވެސް އޮންނާނެކަން ކޯޗު ފާޙަގަކުރިއެވެ.
ކަން މިހެން އޮތުމުން ހުކުރު ދުވަހުގެ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާއްވާ ފަރިތަކުރުންތަކުގައި، ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ޙާއްސަ ތަމްރީނުތަކެއް ހިމަނައި، "ފިނިޝިން" ރަނގަޅުކުރަން މަސައްކަތްތަކެއް ކުރާނެކަމަށް ކޯޗު އުރްޖަން ޝްރެސްތާ ބުންޏެވެ.
"މި މެޗުގައި ވެސް ތިން ހަތަރު ބޯޅައެއް ލަންކާ ގޯލުގެ ދަނޑިއަށް އެ އަމާޒުވީ. މިގޮތަށް ލިބޭ ފުރުސަތުތައް ނިންމާނުލެވެންޏާ އޭގެ އަސަރު ކުރާނެ. ބައިކޮޅަށް ލަނޑު ވަނުމުގެ ފުރުސަތު ވެސް މެޗުން ބަލިވުމުގެ ފުރުސަތުވެސް އޮންނާނެ. އެހެންވީމަ ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން މި ލިބޭ ދުވަސްތަކުގައި ތަމްރީނުތަކުގައި ފޯވަޑުންނަށް ޙާއްސަ ތަމްރީނުތަކެއް އޮންނާނެ އެކަންކަން ރަނގަޅުކުރަން". ނޭޕާލްގެ ކޯޗު ބުންޏެވެ.
ލަންކާ އަތުން ހޯދި މޮޅާއެކު ނޭޕާލުން ތިން ޕޮއިންޓު ހޯދިއިރު، ފުުރަތަމަ މެޗުގައި ބޫޓާން އަތުން ވެސް މޮޅުވެފައިވާ ނޭޕާލަށް މިހާރު ޖުމްލަ ހަ ޕޮއިންޓު ވަނީ ލިބިފައެވެ.
މިރޭ ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުން ރާއްޖެ މޮޅުވޫން ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ މުބާރާތުގެ ސެމީގެ ޖާގައެއް ނޭޕާލަށް ކަށަވަރުވާނެއެވެ.
މޮޅުވިޔަސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭތީ ނޭޕާލް ކޯޗުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ