ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު 2026ގައި ސްރީލަންކާއިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ނޭޕާލުން އަތުން ބަލިވިނަމަވެސް، ސެމީ ފައިނަލަށް ދެވިދާނެކަމުގެ އުއްމީދު އެބައޮތްކަމަށް ލަންކާގެ އެސިސްޓެންޓް ކޯޗު އިމްރާމް މުހައްމަދު ބުނެފިއެވެ.
ލަންކާއާއި ނޭޕާލް ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށް ނޭޕާލުން ވަނީ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފައެވެ. ނޭޕާލް އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު އިމްރާން ބުނީ ލަންކާއަށް ގިނަ ހަމަލާތަކެއް އުފެއްދުމުގެ ފުރުސަތުތައް ތަނަވަސް ކުރެވުނު ނަމަވެސް ގޯލަކަށް ބަދަލުނުކުރެވި ދިޔައީ ހެދުނު ގޯސްތަކުގެ ސަބަބުންކަމަށެވެ.
އެހެންނަމަވެސް ބޫޓާން މެޗަށް ނިކުންނައިރު ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނާނެ ކަމަށާއި، އެ މެޗަށް ގޭމް ޕްލޭން ރާވާލާނީ، ބޫޓާނުން ރާއްޖެއާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ އެޕްރޯޗަށް ބެލުމަށްފަހު ކަމަށެވެ.
ނޭޕާލުން ލަންކާއާއި ދެކޮޅަށް ވަރުގަދަ އެޓޭކިންގ ގޭމެއް ކުޅެފައިވާއިރު އެ މެޗުގައި ކުޅުންތެރިންނަށް ހެދުނު ގޯސްތައް ރަނގަޅު ކުރަން ދެން އޮތް މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށްވެސް ކޯޗު ބުންޏެވެ.
މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެސް ނޭޕާލްގެ ދެ ހަމަލާއެއް، ލަންކާ ޓީމުގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ. މެޗުގައި ނޭޕާލުން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 23 ވަނަ މިނެޓުގައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސުބާޝް ބަމް އެވެ.
ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ އަދި ނުވަތަ ބޫޓާން މޮޅުވިނަމަވެސް ނޭޕާލަށް ސެމީގެ ޖާގަ ކަށަވަރުވާނެއެވެ.
ލަންކާގެ އެސިސްޓެންޓް ކޯޗު އިމްރާން ބުނީ ނޭޕާލު މެޗުގައި ލަންކާއިންވެސް ދެއްކީ ދަށް ކުޅުމެއް ނޫން ކަމަށެވެ. "މުބާރާތަށް އައިއިރު އެންމެންވެސް ހީކުރީ ލަންކާއަކީ ބަލި ޓީމެއް ކަމަށް. އެކަމަކު އަހަރުމެންގެ ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ކުރިއަރައިފިކަން ދެ މެޗުންވެސް ފެންނާނެ" އިމްރާން ބުންޏެވެ.
ޕޮއިންޓް ތާވަލަށް ބަލާއިރު މިވަގުތު ލަންކާ އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި ގުރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ދެން ލަންކާއަށް އޮންނާނީ 27 ވަނަ ދުވަހުގެރޭ ބޫޓާނާއި ދެކޮޅަށް ކުޅޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗެވެ.
ސެމީގެ އުއްމީދު އެބައޮތް، ބޫޓާން މެޗަށް ބަދަލުތަކެއް ގެންނާނަން: ލަންކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ