އަޑުއެހުމެއް ނުބާއްވާ މައްސަލަ ބަލައިގަތުން ގޯސް ކުރެއްވުމުން މުހުތާޒްގެ ރައްދު ހުސްނުއްސުއޫދަށް!

ރިފަރެންޑަމްއެއް ނެގުން ހުއްޓުވުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު އަޑުއެހުމެއް ނުބޭއްވުމަކީ ގޯހެއް ކަމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު އުފެއްދެވުމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިން ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރެންޑަމްއެއް ނެގުން ހުއްޓުވުމަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ސުޕްރީމް ކޯޓުގައި ފެށުމަށް ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ހުސްނޫއްސުއޫދު ވިދާޅުވެފައި ވަނީ، އަޑުއެހުމެއް ވެސް ނުބާއްވާ ނިޔާ ކަނޑައެޅާފައިވާ ކަމަށެވެ. އަދި އެ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމަކީ ގޯހެއް ކަމަށް ސުވާލު އުފެއްދެވިއެވެ.
މި ކަމާ ގުޅިގެން މުހުތާޒް ވިދާޅުވީ، އެ ގޮތަށް ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައި ވަނީ ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އިރު ކަމަށާއި އަދި ރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސްޕްރީމް ކޯޓުން ކަމަށެވެ. ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ތެރޭގައި ހުސްނުއްސުއޫދު ހިމެނިވަޑައިގަންނަވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު އިސްވެ ތިއްބަވައި ހުށަހެޅުއްވި މައްސަލައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ދައުވާކުރާ ފަރާތުން ބުނާއިރު، އެ ސުވާލު ހިމެނޭ ގޮތަށް ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ފަރާތުން ވަނީ އެދިފައެވެ.
މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މި ބެންޗުގެ ރިޔާސަތު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ބަލަހައްޓަވާއިރު، ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ރިފަރެންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯއެވެ.
މި މައްސަލައިގެ އިތުރުން، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ ދެ އިންތިހާބު އެކުއެކީގައި ބާއްވަން ގެނައި އިސްލާހު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. އަދި ހައިކޯޓަށް ވެސް އެމްޑީޕީގެ ފަރާތުން މިފަދަ މައްސަލަތަކެއް ހުށަހަޅާފައިވީ ނަމަވެސް، އެ ކޯޓުތަކުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ