ތެޔޮ ލިބުން ދަތިވެ އޭޝިއާގެ އެއާލައިންތަކުން ދަތުރުތައް މަދުކުރަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައި މަތިންދާބޯޓަށް އަޅާ ތެޔޮ ލިބުން ދަތިވުމާ ގުޅިގެން އޭޝިއާގެ ގިނަ އެއާލައިންތަކަކުން ދަތުރުތައް މަދުކުރަން ފަށައިފި އެވެ.
މީގެ އިތުރުން، ބައެއް އެއާލައިންތަކުން ދަތުރުމަތީގައި އިތުރު ތެޔޮ އުފުލުމާއި ތެޔޮ އެޅުމަށްޓަކައި މަގުމަތީގައި އިތުރު މަންޒިލްތަކަށް މަޑުކުރަން ވަނީ މަޖުބޫރުވެފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ކަނޑުމަގުން ދުނިޔެއަށް ފޯރުކޮށްދޭ ޖެޓް ފިއުލްގެ ގާތްގަނޑަކަށް %21 ސަޕްލައި ވަނީ މެދުކެނޑިފަ އެވެ. މީގެ ސަބަބުން ތެލުގެ އަގު އުފުލުމުގެ އިތުރުން، ތެޔޮ ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކަށެވެ. ވަކިން ހާއްސަކޮށް، އާމްދަނީ ދަށް އަދި އިމްޕޯޓަށް ބަރޯސާވާ މާކެޓްތަކަށް މިކަމުގެ ނުރައްކާ ބޮޑެވެ.
އެއާ އޭޝިއާ އެކްސްގެ ސީއީއޯ ބޯ ލިންގަމް އިއްުޔެ ވިދާޅުވި ގޮތުގައި، އެއާލައިންތަކަށް ތެޔޮ ލިބޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ހިފަހައްޓާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ތެޔޮ މުޅިން ނުލިބުމުގެ ބަދަލުގައި ދޫކުރާ މިންވަރު ވަނީ މަދުކޮށްފަ އެވެ.
މީގެ ސަބަބުން ބައެއް އެއާލައިންތަކުން ވަނީ މައި މަރުކަޒުތަކުން އިތުރަށް ތެޔޮ ބަރުކޮށްގެން ދަތުރުކުރަން ފަށާފަ އެވެ. ނަމަވެސް މީގެ ސަބަބުން ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ.
މިހާރު ވެސް ބައެއް އެއާލައިންތަކުން ވަނީ ދަތުރުތައް މަދުކުރަން ފަށާފަ އެވެ. އެގޮތުން، ވިއެޓްނާމް އެއާލައިންސް އިން ހަފްތާއަކު ކުރާ އެތެރޭގެ އުދުހުންތަކުގެ ތެރެއިން 23 ދަތުރު މަދުކޮށްފައިވާއިރު، މިޔަންމާގެ އެއާލައިންތަކުން ވެސް ވަނީ ބައެއް ދަތުރުތައް މެދުކަނޑާލާފަ އެވެ. ބަޓިކް އެއާ މެލޭޝިއާގެ އެތެރޭގެ އުދުހުންތައް %36އަށް މަދުކޮށްފައިވާއިރު، އެ ކުންފުނީގެ ސީއީއޯ ޗަންދުރަން ރާމާ މުރުތީ ވަނީ މިއީ ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ސިނާއީ ދާއިރާގެ އިސް ބޭފުޅުން އިންޒާރު ދެއްވާ ގޮތުގައި، މި ހާލަތު ދެމިއޮވެއްޖެ ނަމަ އިތުރު ދަތުރުތައް މަދުކުރަން ޖެހިދާނެ އެވެ. ރަޔަންއެއާގެ ސީއީއޯ މައިކަލް އޯލިއަރީ ވިދާޅުވީ، ސަޕްލައިގެ ދަތިކަން މިގޮތަށް ކުރިއަށްދާ ނަމަ ބައެއް ދަތުރުތައް މެދުކަނޑާލުމާ ނުވަތަ ފްލައިޓްތަކުގެ ކެޕޭސިޓީ ދަށްކުރަން ޖެހިދާނެ ކަމަށެވެ.
އީރާނުގެ ހަނގުރާމަ ފެށުނު ފަހުން ޖެޓް ފިއުލްގެ އަގު ވަނީ ދެގުނައަށް ވުރެ ބޮޑުވެފަ އެވެ. މީގެ ސަބަބުން ޓިކެޓްގެ އަގުތައް އުފުލި، ތެލުގެ ސާޗާޖުތައް އިތުރުކުރަން ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް، ދަތުރުފަތުރަށް އޮތް ޑިމާންޑް އަދިވެސް ވަރުގަދަކޮށް ހުރުމުން، މިހާރު ގެންނަ ބަދަލުތަކުން މާ ބޮޑު ހައްލެއް ނުލިބޭކަން މާހިރުން ފާހަގަކުރެ އެވެ.
އެނަލިސްޓުން ލަފާކުރާ ގޮތުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ދުވާލަކު ބޭނުންކުރާ 400,000 ފީފާގެ ޖެޓް ފިއުލްގެ ސަޕްލައިއަށް ވަނީ ބުރޫއަރާފަ އެވެ. އެނާޖީ އެސްޕެކްޓްސްގެ އެލެކްސް ޔަޕް ވިދާޅުވި ގޮތުގައި، މި މިންވަރު ފޫބެއްދޭނެ ފަސޭހަ ގޮތެއް މިވަގުތަކު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ