ވޯޓަކީ ހަމައެކަނި ފޮއްޓަކަށް ވައްޓާލާ ކަރުދާސްކޮޅެއް ނޫނެވެ!
ކޮންމެ ގައުމެއްގެވެސް ސިޔާސީ ނިޒާމުގެ އެންމެ ވަރުގަދަ ތަނބަކީ ރައްޔިތުންނެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު ސިފައަކީ ވެރިކަން ކުރުމުގެ ބާރު ރައްޔިތުންގެ ކިބައިން ފެށިގެން އައުމެވެ. ދިވެހި ގާނޫނުއަސާސީގެ މާއްދާ 4 އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ. މި ބާރު ބޭނުންކުރުމަށް ރައްޔިތުންނަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ވޯޓެވެ. ވޯޓަކީ ހަމައެކަނި ފޮއްޓަކަށް ވައްޓާލާ ކަރުދާސްކޮޅެއް ނޫނެވެ. އެއީ ސިޔާސީވެރިންގެ އަމަލުތަކަށް ރައްޔިތުން ދޭ ވަރުގަދަ ރައްދެކެވެ.ވޯޓަކީ ރައްޔިތުންގެ އަޑެވެ. މިއީ ސިޔާސީ މީހުން ކުރާ މަސައްކަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ހާމަކުރާ މިންގަނޑެވެ. ވޯޓުގެ ބާރުން ގައުމުގެ މިސްރާބު ބަދަލުކޮށްލުމުގެ ގާބިލުކަން ރައްޔިތުންނަށް ލިބިގެންވެ އެވެ. ސިޔާސީ މީހަކު ކިތަންމެ ވަރުގަދަ ނަމަވެސް، ރައްޔިތުންގެ ވޯޓާ ނުލައި އެމީހަކަށް ވެރިކަމުގެ ބާރުވެރިކަމަށް ނާދެވޭނެ އެވެ. އެހެންކަމުން، ވޯޓަކީ ސިޔާސީ ދާއިރާގައި އޮތް އެންމެ މަތީ ފަނޑިޔާރެވެ.ރައްޔިތުންނަކީ ގައުމުގެ އަސްލު މިލްކުވެރިންނެވެ. އިންތިހާބުތަކާ ދިމާކޮށް ރައްޔިތުންނަކީ އެންމެ މުހިންމު ބަޔަކަށް ވެގެންދެ އެވެ. ރައްޔިތުން ބޭނުންވަނީ އެމީހުންގެ އަސާސީ ބޭނުންތައް ފުދި، ގައުމުގައި އަމާންކަމާއި އިންސާފު ގާއިމުވެފައި އޮތުމަށެވެ. ނަމަވެސް، ގިނަ ފަހަރަށް ރައްޔިތުންގެ މި އުންމީދުތަކާ ސިޔާސީ މީހުން ކުޅެލަ އެވެ.ގިނަ ފަހަރު "ގިނަ" ސިޔާސީ މީހުން ފެންނަނީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއްގެ ގޮތުގަ އެވެ. އިންތިހާބު ކައިރިވުމުން ރައްޔިތުންނާ ގާތްކަން ބާއްވައި، ހިނިތުންވުމާއެކު ސަލާމްކޮށް ހަދާ ސިޔާސީ މީހާ، ގޮނޑި ލިބުމުން ރައްޔިތުން މަތިން ހަނދާން ނެތޭ ތަން ފެނެ އެވެ. ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދުމަކީ ބައެއް ސިޔާސީ މީހުންގެ އާދައެކެވެ.އިންތިހާބަށް ވާ ހޮޅި ވައުދުތައް ކޮންމެ އިންތިހާބަކާ ދިމާކޮށް ސިޔާސީ މީހުން އުޑާއި ބިމާ އެއްވަރުގެ ވައުދުތައް ވަމުންދެ އެވެ. ހިލޭ ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތުތަކާއި، ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ވާހަކަ ދައްކަ އެވެ. ނަމަވެސް، އިންތިހާބު ނިމުމުން މި ވައުދުތަކުގެ ބޮޑުބައި އޮންނަނީ ހަމައެކަނި ކަރުދާސްބަރީގަ އެވެ. މިފަދަ "ހޮޅި" ވައުދުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސިޔާސީ މީހުންނަށް އޮންނަ އިހުތިރާމު ކުޑަވެގެންދެ އެވެ.ސިޔާސީ މީހުންގެ އިތުބާރު ގެއްލޭ އެންމެ ބޮޑު ސަބަބަކީ ބަހާއި އަމަލު ދިމާނުވުމެވެ. ވީ ވައުދުތަކަށް ފުރަގަސްދިނުމާއި، ކޮރަޕްޝަނާއި ނުފޫޒުގެ ބޭނުންކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަންކަމެވެ. މީގެ އިތުރުން، ޕާޓީ ބަދަލުކުރުމާއި، އަމިއްލަ ފައިދާއަށްޓަކައި ގައުމީ މަސްލަހަތު ދޫކޮށްލުމަކީވެސް ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫނެވެ.ރައްޔިތުންގެ އިތުބާރު ގެއްލުމުން ވާގޮތް ސިޔާސީ މީހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލުމުން، އެކަމުގެ ޖަވާބު ރައްޔިތުން ދެނީ ވޯޓު ފޮށިންނެވެ. އިތުބާރު ނެތް މީހަކަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ދެކޮޅު ހަދަ އެވެ. މީގެ ނަތީޖާއަކީ ސިޔާސީ މީހާ މަގުމަތިވެ، އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް އައުމެވެ. ރައްޔިތުންގެ ނުރުހުން ވޯޓުން ފާޅުކުރުމުން، ކިތަންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއްވެސް ބަލިކޮށްލެވިދާނެ އެވެ.ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑު ނަސޭހަތަކީ ރައްޔިތުންނަށް ތެދުވެރިވުމެވެ. ރައްޔިތުންނަށް އޮޅުވާލުމެވެ. ރައްޔިތުންނަށް ދަޅަ ނުދެއްކުމެވެ. ވޯޓަކީ ރައްޔިތުން ސިޔާސީ މީހުންނާ ހަވާލުކުރާ އަމާނާތެކެވެ. އެ އަމާނާތަށް ހިޔާނާތްތެރިވެއްޖެ ނަމަ، ދެން އަންނަ އިންތިހާބެއްގައި ރައްޔިތުން ދޭ ޖަވާބު މާ ހިތިވާނެ އެވެ. އެހެންކަމުން، ސިޔާސީ ހަޔާތް ބިނާކުރަންވާނީ އިހުލާސްތެރިކަމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އޭރުން ރައްޔިތުންގެ ލޯތްބާއި އިތުބާރު ސިޔާސީން ނަށް އަބަދުވެސް އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ