ސަރުކާރުގެ ސިއްހީ ސިޔާސަތުތައް ބިނާވަނީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް: މިނިސްޓަރު ނާޒިމް

ސިއްހީ ދާއިރާއިން ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކަކީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ސައިންސްގެ އަލީގައި ސިއްހީ ފަރުވާ އާއި ހިދުމަތްތައް ބައްޓަންކުރުމެވެ.
މިގޮތުން ބަލިތަކުން ރައްކާތެރިވުމާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ސައިންސަށް އިސްކަންދިނުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދަނީ ސައިންޓިފިކް ހޯދުންތަކަށް ބަރޯސާވެގެންނެވެ. އޭގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، ދުންފަތުގެ ވަބާއިން ސަލާމަތްކުރުން، އަދި ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުމާއި، ވެކްސިން ދިނުމާއި، ޓެލެ މެޑިސިން ފަދަ ޒަމާނީ ހިދުމަތްތަކަކީ ވެސް މެޑިކަލް ސައިންސްގެ ހެކިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ސިޔާސަތުތަކެއްކަން އޭނާ ބަޔާންކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރަކީ ސިއްހީ ދާއިރާގައި ސައިންސާއެކު ކުރިއަށް ދިއުން ކަމަށްވާއިރު، މި ޝިއާރުގެ މަގްސަދަކީ ސިއްހީ ކަންކަމުގައި ކުރާ ކޮންމެ ކަމަކީ ޒަމާނީ ތަހުލީލުތަކާއި ފަންނީ މައުލޫމާތަށް ބަރޯސާވެގެން ކުރާ ކަންކަމަށް ހެދުމެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ. ގެ އެހެން އިދާރާތަކުން ދޭ ސައިންޓިފިކް އިރުޝާދުތައް ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. މިފަދަ ޖަމިއްޔާތަކާ ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ދުޅަހެޔޮކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާ މެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ކަންކަމުގައި ސާބިތު ނުހިފޭ "ޔޯލަ" ވާހަކަތައް ދެއްކުމާއި، ސައްހަ ނޫން ފަރުވާތަކަށް ބާރުއެޅުމަކީ ނުރައްކާތެރި ކަމެކެވެ. މިފަދަ އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ އަދި އިންސާނުންގެ ފުރާނައަށް ނުރައްކާވެދާނެ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ކަންކަމާގުޅޭގޮތުން ވަކިން ހާއްސަކޮށް ބަލިބައްޔާއި ބަލި ޖެހުމާއި ބަލި ފެތުރުމާއި އަދި ބަލިތަކުން ފަރުވާ ހޯދުމާގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަދެއްކުމާއި ސާބިތު ނުހިފޭ ފަރުވާ އާއި ހައްލުތައް ބުނެދިނުމާއި އަދި ބައެއް ފަހަރަށް ވެކްސިނާއި ތަހުލީލުތަކާއި ބޭހާއި ޑަކްޓަރީ ފަރުވާއާ ގުޅޭގޮތުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމާއި ބޭހުގެ ބަދަލުގައި އެވެނި ކަމެއްކުރުމަށް ނުވަތަ މި ވެނި އެއްޗެއް ބޭނުންކުރުމަށް ވަކާލާތު ކުރާތަން ފާހަގަކުރެވޭ.
މިނިސްޓަރު ވިދާޅުވިއެވެ.
ހިތާބު ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ލިބުނު ފިލާވަޅުތައް ހަނދާންކޮށްދެއްވާފައެވެ. ސިއްހީ ކަންކަމުގައި ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން އެ ބަލިމަޑުކަމުން މުޅި ދުނިޔެއަށް ވެސް ސާބިތުވެގެން ދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ފަރުވާ އާއި ހިދުމަތާއި ބަލިތައް ދެނެގަތުމާއި ރައްކާތެރިވުމުގައި ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން، ރާއްޖެއާއި މުޅި ދުނިޔެއަށް ވެސް ސާބިތުކޮށްދިން ކޮވިޑް-19 އަދި އެ ވަބާއިން ރާއްޖެ އަރައިގަތުމުގައި ސިއްހީ ދާއިރާިން ގެންގުޅުނު ސިޔާސަތު އަޅުގަނޑުމެންގެ ތާޒާ ހަނދާނުގައި މިއަދު ވެސް އެބަހުރި،
މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ސައިންސާއި ފަންނީ މައުލޫމާތަށް ބަރޯސާވުމަށް މިނިސްޓަރު ނާޒިމް ބާރުއެޅުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ